English Edition
Dhivehi Edition
ޑޮނަލްޑް ޓްރަމްޕް ޖޫނިއާއާއި ޕާޓްނަރ ކިމްބާލީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އަށް ކޮވިޑް 19 ޖެހިފައިވާކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ޢުމުރުފުޅުން 42 އަހަރުގެ ޓްރަމްޕް ޖޫނިއާ، ހަފްތާ ފެށެން އުޅެނިކޮށް ހެދި ޓެސްޓުން ޕޮޒިޓިވް ވުމާއެކު ވަނީ އޭނާގެ ރަސްމީ ގެކޮޅުގައި އެކަހެރިވެ ވަޑައިގެން ބައްޔަށް ފަރުވާ ހޯއްދަވަން ފަށާފައެވެ. ޓްރަމްޕް ޖޫނިއަރ ގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް އޭނާގެ ތަރުޖަމާން ވަނީ ހާމަކޮށްފައެވެ.

މިއީ މިބައްޔަށް ޕޮޒިޓިވްވި ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދަރިކަލުންނެވެ.ޓްރަމްޕްގެ ހަގު ދަރިކަލުން 14 އަހަރުގެ ބެރޯން ވަނީ މިދިޔަ މަހު ކޮވިޑަށް ޕްޒިޓިވްވެ ފަރުވާ ހޯއްދަވާފައެވެ. ޑްނަލްޑް ޖޫނިއަރ ގެ ޕާޓްނަރ ކިމްބާލީ ގިލްފޮއިލް ވެސް ވަނީ ޖުލައި މަހުގެ ތެރޭ މިބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދާފައެވެ.

ސީބީއެސް ނިއުސްއާއި ޙަވާލާދީ ބީބީސީން ރިޕޯޓް ކުރާގޮތުގައި ވައިޓްހައުސްގެ 4 އޮފިޝަލަކަށް މިހަފްތާގައިވެސް ކޮވިޑް 19 ޖެހިފައިވެއެވެ. އޭގެތެރޭގައި ރައީސް ޓްރަމްޕްގެ ޚާއްސަ އެހީތެރިޔާ އެންޑްރޫ ގިލިއާނީ އާއި ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މީޑޯސް ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭ ކޮވިޑް 19 ޖެހިގެން ރައީސް ޓްރަމްޕްވެސް ވަނީ 3 ދުވަސް ވާންދެން ހޮސްޕިޓަލުގައި އެޑްމިޓްވެވަޑައިގެން ފަރުވާ ހޯއްދަވާފައެވެ. ފަސްޓްލޭޑީ މެލެނިޔާވެސް އޭނާއަށް ވަނީ ބަލިޖެހުނުކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ 11.8 މިލިއަން މީހުންނަށްވަނީ ކޮވިޑް 19 ޖެހިފައެވެ. މީގެ ތެރެއިން 253000 މީހުންވަނީ މިބަލީގައި މަރުވެފައެވެ. ހުކުރު ދުވަހު އެކަނިވެސް އެމެރިކާގެ 192000 މީހުންނަށް ވަނީ ކޮވިޑް 19 ޖެހިފައެވެ.