English Edition
Dhivehi Edition

ޢީދު ޗުއްޓީ ހަދާލަން ދާން ނިންމީ ފަޓާސް ފުށްޓަށެވެ. މިއީ މާކުރިން ނިންމާފައިވާ ކަމަކަށްވުމުން ވިއްސާރަވިޔަސް ދަތުރު ފަސްކުރާކަށް ބޭނުމެއް ނުވިއެވެ. ފެރީޓާމިނަލަށް ގޮސް ޓިކެޓެއް ގަނެގެން މަޑުކޮށްލީ ވިއްސާރައިގެ ސަބަބުން ލޯންޗު ފުރުން ލަސްވީ ވާހަކަ ބުނުމުންނެވެ. އަހަންނާއެކީގައި އެންމެ ގާތް އެކުވެރިޔާ މަދިޔެގެ މަކޮއިވެސް މިދަތުރުގައި ބައިވެރިވެއެވެ.މަދިޔެގެ މަކޮއިގެ އާދައިގެ މަތިން ކޮންމެވެސް މީހެއްގެ ވާހަކަ ދައްކަންފެއްޓިއެވެ. އޭނާގެ ބަހުންނަމަ އޭނާއަކީ އެއްގޮތަކަށްވެސް މީސްމީހުންގެ ވާހަކަ ދައްކާ މީހެއް ނޫނެވެ. މީހުންގެ ވާހަކަ ދައްކާކަށް ނުވާނެއެވެ. އެއީ ފާފައެކެވެ.

މަކޮއި ވާހަކަ ފެށިއެވެ. ދަރިޔާއެވެ. އުސްމާނު ރަށުގައި އުޅޭކަން އެނގޭ ހެއްޔެވެ؟ އަހަރެން ނޫނެކޭ ބުނަމުން ކޮން އުސްމާނެއްހެއްޔޭ އަހާލީމެވެ.ޖަވާބުގައި ކޮއި ރުޅިއައިސްފައި ބުންޏެވެ. ކަލެއަށް އެނގެނީ ކޮންކަމެއް ހެއްޔެވެ؟ ކޯބޭގެ އުސްމާނު އަޒުހަރު ޔުނިވަސިޓީއިން ކިޔަވައިވިދާޅުވެގެން އައިކަމެއް ނޭނގޭ ހެއްޔެވެ؟.ޢާއިލީ ސަޔާއި ކެއުންތަކާއި ޕާޓީތައްވެސް ހާދަހާ އެބައޮތެވެ.

އަހަރެން ބުނީމެވެ. އެހެންހެއްޔެވެ؟ އަޒުހަރު ޔުނިވަސިޓީ ކަހަލަ ތަންތަނުން ކިޔެވީމައި ދީން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވީމާ ޢާއިލީ ގުޅުން ދަމަހައްޓާށާއި ރަޙިމުގެ ގުޅުންދަމަހައްޓާން އެނގޭނެއެވެ. އެކަމުގެ ހުރި ދަރުމަވެސް އެނގޭނެއެވެ.އިހަކަށް ދުވަހު އަޞްރު ނަމާދަށްފަހު ދީނީ ނަޞޭޙަތް ދެމުންވެސް އުސްމާނު ދެއްކީ ރަޙިމުގެ ގުޅުމުގެ މުހިއްމު ވާހަކައެވެ.

ކޮއި ފާޑެއްގެ ވައްތަރެއް އަނގައަށް ޖައްސާލާފައި ކިޔައިފިއެވެ. ދަރިޔާއެވެ. ރަޙިމުގެ ގުޅުމަކީ ކިހާވަރެއްގެ ގުޅުމެއްކަން އަހަރުމެންވެސް ދަންނަމެވެ.އަހަރުމެން ގުޅުން ދަމަހައްޓަނީ ރަހިމުގެ އެއްފަރާތުން ނޫނެވެ.ކޮއި މި ބުނި އެއްޗެއް ފަހުމު ނުވެގެން އަހަރެން އަހަލީމެވެ. ކޮޔާއެވެ! ތިޔަ ބުނީ ކީކޭ ހެއްޔެވެ؟ އަހަންނަކަށް އަދި ނޭނގުނެވެ. ކޮއި ބުންޏެވެ. މައްސަލައަކީ ދަރިޔާމެން ރަހިމުގެ ގުޅުން ގާއިމުކުރަނީ ބައެއް މީސްމީހުންނާއެވެ. އަނެއްބައި މީހުންނާ ދިމާވެ، ޖެހި،ބިންމައްޗަށް ވެއްޓުނަސް ކަލޯ ކޮންޙާލެއްތޯވެސް އަހާނުލާނެއެވެ. އަހަންނަކީ ތިޔަ ބުނާ އުސްމާނުގެ ބައްޕައަށް ބޮޑު ބޭބެ ކިޔާ މީހަކީމެވެ. އަހަންނާ އޭނައާއި ކިތަންމެ ދުވަހަކު ކިތަންމެ ތަނަކުން ދިމާވެއްޖެއެވެ. އެކަމަކު އެންމެ ކުޑަމިނުން ނަމުން ގޮވާނުލާތާނގައި ހަތަރުކަޅިވެސް ހަމަނުކުރެއެވެ. އެހެންވީމާ ރަހިމުގެ ގުޅުން އެ ދެމެހެއްޓެނީ ރަހިމުގެ އެއްފަރާތުންތާއެވެ.

އަހަރުމެން ތިޔަ ބުނާ އަޒުހަރު ޔުނިވަސިޓީއަކުން ނުކިޔެވިޔަސް، އެމީހުންނަށްވުރެ މާ ރަނގަޅުވާނެއެވެ. ދަރިޔާއެވެ. މިޒަމާނަކީ މީސްތަކުން މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ޒަމާނެވެ. ރަޙިމުގެ ގުޅުންވެސް ދެމެހެއްޓޭނީ އެކަމަށް އަރާ އަރަފޯދިގެންވާ މީހުންނާއެވެ. ޔަޢުނީ، ފައިސާވެރިންނާއެވެ.