English Edition
Dhivehi Edition
ފޮޓޯ: ގައުމީ ޔުނިވަރސިޓީ ތިނަދޫ ކެމްޕަސް ފޭސްބުކް ޕޭޖް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ހިންގަމުން އަންނަ ކޯސްތަކުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެއްޓުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވަރސިޓީން އާންމުކުރި އިއުލާނެއްގައިވާ ގޮތުން އެ ކެމްޕަހުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު 36 ކޯހެއް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ގިނަ ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ފަރާތުންނެވެ. އެގޮތުން އެ ފެކަލްޓީގެ ފަރާތުން 16 ކޯހެއް އަންނަ ފެބްރުއަރީ މަހު ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކިޔަވައިދިނުމުގެ ދާއިރާއިން ޑިގްރީ ފެންވަރުގެ 12 ކޯހަކާއި މާސްޓާސް ފެންވަރުގެ 4 ކޯހެކެވެ.

އެ ކެމްޕަހުން ދެ ވަނަ އަށް އެންމެ ގިނައިން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ގާނޫނީ ދާއިރާގެ ރޮނގުންނެވެ. އެގޮތުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ފަރާތުން ސެޓްފިކެޓް ފެންވަރުގެ އެއް ކޯހާއި އެޑްވާންސް ފެންވަރުގެ 2 ކޯހާއި އަރަބި ބަސް ކިޔަވައިދިނުމުގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާސިންގެ އިން އެ ކެމްޕަހުގައި ނަރުސް ކަމުގެ ދާއިރާއިން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ދެ ކޯސް ފެއްޓުމަށް ހަމަޖެހިފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ފެކަލްޓީ އޮފް ހޮސްޕިޓަަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އިން ވަނީ 3 ކޯހެއް ހިންގުމަށް ނިންމައިފައެވެ،

އެ ކެމްޕަހުގައި ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް، ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް އިންވެސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ކޯސްތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިއުލާން ކުރެވިފައިވާ ކޯސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ގައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގެ މެނޭޖަރ މުހައްމަދު ޝަމީމް ވިދާޅުވިގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ކެމްޕަހުން މުޅިން އަލަށް 6 ކޯހެއް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެޑްވާންސް ސެޓްފިޖެޓް އިން ވިޝުއަލް އާޓްސް، ސެޓްފިކެޓް 3 ގެ ހައުސް ކީޕިން އޮޕަރޭޝަންސް، ބެޗަލަރ އޮފް އިންޓަރނޭޝަނަލް ޓުއަރިޒަމް މެނޭޖްމަންޓް، ބެޗަލަރސް އޮފް ހެލްތް ސާވިސް މެނޭޖްމަންޓް، މާސްޓަރ އޮފް ޕަބްލިކް ހެލްތު އަދި ސެޓްފިކެޓް 3 އިން ވެލްޑިންގް އެންޑް ޝީޓް މެޓަލް އެވެ.

މީގެ އިތުުރުން ޝަމީމް ވިދާޅުވިގޮތުގައި އެ ކެމްޕަހުގައި ކިޔަވައި ދެނީ ހަފްތާ ތެރެއަށް ކުލާހުގެ އެކި ޝެޝަންތައް ބަހާލައިގެން ކަމަށާއި އަދި ހަފްތާ ބަންދުގައި ބްލޮކް މޯޑަށް ކަމަށެވެ. އަދި އެ ކެމްޕަހުގައި ކިޔަވައިދެވެނީ ސެޓްފިކެޓް ފެންވަރުގެ ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކަށް ކަަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެ ކެމްޕަހުން އިއުލާން ކޮށްފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 29 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ އިރު ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު އެ ކެމްޕަހުގެ ފޯނު ނަމްބަރު 6842084 އަދި 6842725 އިން ލިބެން ހުންނާނެ ކަމަށް ގައުމީ ޔުނިވަރސިޓީއިން ނެރުނު އިއުލާނުގައިވެއެވެ.

ގދ.ތިނަދޫ އެމް އެން ޔޫ ކެމްޕަހުގައި ކޯސްތައް ހިންގާ ކިޔަވަދޭން ފެށިފައިވަނީ 2003 ވަނަ އަހަރުގައެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔަވައިދޭން ފެށުނީ އެޑްވާންސް ސެޓްފިކެޓް އިން ޓީޗިންގާއި ނާސިންގް ކޯސްތަކެވެ. އެހެން ނަމަވެސް މިހާރު ގައުމީ ޔުނިވަރސިޓީގެ 9 ފެކަލްޓީ އަކުން އެ ކެމްޕަހުގައި އަންނަނީ ކޯސްތައް ހިންގަމުންނެވެ. އެ ކެމްޕަހުގައި ގދ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރާއްޖޭގެ އެކި ހިސާބު ތަކުން ކިޔަވައި ގިނަ ބައެއް ވަނީ ދަސްވެނިވެފައެވެ.