English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ޓްވިޓާ (ޕީއެސްއެމް / އީސީ)

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، އަޙްމަދު އަކްރަމް، އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަކްރަމް އިއްޔެ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގެ ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

“ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއް ކަމާއި، އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން”، އެ ސިޓީގައި އަކްރަމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެ ސިޓީގައި އަކްރަމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ކަންކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތު ހެއްކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

“މި ފުރުސަތުގައި ޤައުމަށް ޚިދުމަތްކޮށް ދެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން”، އަކްރަމްގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

އީސީގެ މެންބަރުކަމުން އަކްރަމް އިއްޔެ އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މަޤާމުން އަކްރަމް ވަކިކުރުމަށް ފެންނަ ކަމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ފާސްކޮށްފައި ވަނީ އީސީގެ އަންހެން މުވައްޒަފުންތަކަކަށް އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތަކާ ގުޅޭ މައްސަލަ ބެލުމަށްފަހު އެވެ.

2015 ވަނަ އަހަރު އީސީ އާއި ގުޅިވަޑައިގަތް އަކްރަމް ވަނީ މިދިޔަ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އީސީގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައެވެ. އޭނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން، މެންބަރުކަމުގެ ދެވަނަ ދައުރަކަށް އަކްރަމް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 18 މާރިޗު 2020 ވަނަ ދުވަހުއެވެ.