ދަނޑުވެރިކަން ދިރުވައި އާލާކުރުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ ފަރާތުން އައްޑޫސިޓީގެ ދަނޑުވެރިންނަށް ކޮންޓްރެކްޓް ފާމިން އާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ކޮންޓްރެކްޓް ފާމިން އާ ބެހޭ ސާރވޭ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އެގްރޯ ނެޓްގެ ފަރާތުން 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް މި މަސައްކަތުގައި އައްޑޫގެ ހުޅުދޫ، މީދޫ އަދި ހިތަދޫގައި ހަރަކާތްތެރިވަމުން މިހާރު ގެންދާއިރު ދަނޑުވެރިން ނާއި ބައްދަލުކޮށް ދަނޑުވެރިންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ޓީމުން ބުނެއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެެސިސްޓެންޓް މެނޭޖަރ އެޑްމިނިސްޓްރޭޝަން، އާދަން މާހިރު ވިދާޅުވީ ނޮވެމްބަރުގެ މަހުގެ 12 އިން 21 ގެ ނިޔަލަށް އައްޑޫސިޓީގައި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ކަމަށް އައްޑޫސިޓީގެ ދަނޑުވެރިންނާއި ސިޓީ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާ ކަމަށެވެ.
“ސާވޭގެ ތެރެއިން މައިގަނޑުގޮތެއްގައި ކުރިއަށް ގެންދަނީ ކޮންޓްރެކްޓް ފާމިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ދަނޑުވެރިން ހައްދާ ބާވަތްތައް ދެނެގަތުމާއި އެޕްލިކޭޝަން ފޯމު ފުރައިދިނުމުގެ މަސައްކަތް. އަދި ޝަރުތު ހަމަވާ ދަނޑުވެރިންނަށް އެގްރޯނެޓާ ގުޅުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައި” މާހިރު ވިދާޅުވިއެވެ.
މާހިރު ވިދާޅުވީ މި މަސައްކަތް ކުރުމަށް މާ ގިނަ ޝަރުތެއް ނޯންނާނެ ކަމަށާއި ފުރަތަމަ ކަމަކީ އެމީހެއްގެ އަތުގައި 500 އަކަ ފޫޓުގެ ބިމެއް އޮތުންކަމަށެވެ. ދެން ބޭންކް އެކައުންޓެއް އޮތުމާއި އެ ބިމަކީ ރަސްމީ ގޮތަކުން އެމީހަކަށް ލިބިފައިވާ ބިމަކަށް ވުންކަމަށް މާހިރު ވިދާޅުވިއެވެ.
ސަރުކާރުން ހިއްސާވާ ދަނޑުވެރިކަމުގެ ހާއްސަ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައިޗެއިން ތަރައްގީކުރަން މަސައްކަތް ކުރުން އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެެނެ އެވެ.
އެގްރޯ ނެޓަށް ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިންނާއި އެގްރޯނެޓުން ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުންވެސް އެކަމަށް ޚާއްޞަކޮށްފައިވާ ފޯމެއް ފުރައި ރަޖިސްޓްރީ ވާންޖެހެއެވެ. މިގޮތުން ރަޖިސްޓްރީ ވާ ދަނޑުވެރިން އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެ ރަށެއްގައި ގާއިމު ކުރާ ކަލެކްޓިން ސެންޓަރ މެދުވެރިކޮށް ގަނެ އެތަކެތި މާކެޓް ކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މި މަހުގެ 12 ވަނަ ދުވަހު، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްކުރުމަށް ބޭނުންވާ ސާވޭ ހެދުމުގެ މަސައްކަތްތައް ކަމަށެވެ. ރާއްޖޭގެ 43 ރަށެއްގައި މި ސާވޭ ހަދާއިރު، ސާވޭ ނުނިމި އޮތީ ފުވައްމުލައް ސިޓީއާއި އައްޑޫގެ އިތުރުން ހުވަދޫގެ ބައެއް ރަށްރަށުގައި ކަމަށް ހާރޫން ވިދާޅުވިއެވެ.
މީގެ އިތުރުން ހާރޫން ވިދާޅުވީ، ސާވޭ ނިމުމަށްފަހު އެންމެ ފުރަތަމަ “ކޮންޓްރެކްޓް ފާމިން” ގެ މަސައްކަތް ފަށާނީ ލާމު އަތޮޅުގައި ކަމަށެވެ. ކޮންޓްރެކްޓް ފާމިންގެ ދަށުން ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުއްސުރެ ހައްދައި އުޅޭ އަދި ރާއްޖެއިން ބޭރުން ގިނަ އަދަދަކަށް ކޮންމެ އަހަރަކުވެސް އެތެރެކުރާ ބާވަތްތަކެވެ.
އައްޑޫސިޓީގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫ އާއި ހުޅުދޫ އަދި މީދޫގައެވެ.
މިއަހަރުގެ އެޕްރީލް މަހުގައި ފެށި، އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންފޯރުކޮށް ދިނުމުގެ އިތުރުން އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ.