English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ހޯރަފުށި އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

އުއްމީދަކީ ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިނެއް ރާއްޖެއަށް ލިބި އިގްތިސޯދު ކުރިއަރައިގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ

ހއ. ހޯރަފުށި އެއާރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ކޮވިޑް-19ގެ ވެކްސިން ލިބުމުން މިހާރު މި ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުވެ އުއްމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް އިގްތިސޯދު ކުރިއަރައިގެންދާނެކަމަށެވެ.

“ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެންދާނެ،” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވިގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދެމުންގެންދާ ލުއިތަކާއި އެކު ރައްޔިތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށްދާނަމަ ރާއްޖެއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކަކުން ކާމިޔާބު ވެކްސިންތަކެއް އުފައްދައިފައިވާއިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން ހާމަކުރި ގޮތުގައި ވެކްސިން އެންމެ ފުރަތަމަ ދޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި އެ ދާއިރާގައި މަސައްކަތްކުރާ އިތުރު ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުން އަދި ހައިރިސްކް ކެޓަގަރީ އަށް ފެތޭ މީހުންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް 36 ދިވެހިންނާއި 32 ބިދޭސީން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 12،452 އަށް އަރައިފައިވެ އެވެ. އަދި 11،475 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.