English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ބަލަހައްޓަވައިދެއްވައިފިއެވެ.

‎މިކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ބެލެހެއްޓެވީ އިއްޔެ މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ. “ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ” ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މައުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎އިއްޔެ ހެނދުނު ކުރިއަށް ދިޔަ، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސް ވަނީ ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

‎މި މަހާސިންތާގެ ހަވާސާގައި ރައީސް ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ އަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންނެވެ.