ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ގާނޫނު އަސާސީން ހުއްދަކުރާ ކަމެއް ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ވާހަކަ އެންމެ ގިނައިން އިވެނީ ސަރުކާރާއި ގުޅުން ހުރި ބޭފުޅުން ދައްކަވާ އަޑުކަމަށެވެ. އަދި އެމްޑީޕީ އަށް މިފަދަ އެއްވެސްކަމަކާ ގުޅޭ އިރުޝާދެއް ލިބިފައިނުވާކަން ފާހަގަކުރައްވަ ސަލީމް ވިދާޅުވީ އެފަދަ މަޝްވަރާއެއްވެސް އެމްޑީޕީ އިން ކޮށްފައިނުވާނެކަމަށެވެ.
މަޖިލީހުގެ ގަވައިދަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު ރައީސް އަދި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. އަދި މިގެނައި އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. އަދި ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެއެވެ
މީގެ އިތުރުން އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެއެވެ.