English Edition
Dhivehi Edition

ސަރުކާރުން ދަރަނި ނަގައިގެން ވިއަސް ފުވައްމުލަކަށް 2021 ވަނަ އަހަރަށް ހުށައަޅައިފައިވާ ބަޖެޓުގައި ހިމަނައިފައިވާ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ކަމަށް ފުވައްމުލައް ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު މުމްތާޒް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ދާ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން މުމްތާޒް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ދައުލަތުން ހުށައަޅައިފައިވާ ބަޖެޓަކީ ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކުރުމުގެ ބަދަލުގައި ދައުލަތަށް އާމްދަނީ ހޯދިދާނެ ކަމަށް ލަފާކުރާ ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓަކީ ކޮވިޑް-19ގެ ހާލަތަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް އަދި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކުރިމަތިވެފައި އޮތް ވަޅުގަނޑުން އަރައިގަތުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެ ބަޖެޓެއް ކަމުގައި ގަބޫލުކުރާ ކަމުގައިވެސް މުމްތާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުުރުން މުމްތާޒް ވިދާޅުވިގޮތުގައި އަންނަ އަހަރުގެ ބަޖެޓަށް ބަލާލުމުން ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ އަންނަ އަހަރުގެ ބަޖެޓަކީ ބޮޑު ތަނުން ދަރަނި ބަޖެޓެއް ކަމުގައެވެ. އެގޮތުން ބަޖެޓުގެ 50 އިންސައްތަ އަކީ ދަރަނި ނުވަތަ ޑެފިސިޓަށް ވާއިރު ބަޖެޓު ފައިނޭންސް ކުރާނީ ކިހިނެއްތޯ އަދި ކުރަންޖެހޭތޯ މުމްތާޒް ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ދައުލަތުން ދަރަނި ނަގައިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދޭން ޖެހޭތޯވެސް މުމްތާޒް ވަނީ ސުވާލު އުފައްދަވާފައެވެ.

“ފުވައްމުލަކު ދެކުނު ދާއިރާގެ ހިމެނޭ މަދު ކަންތަކެއް މި ބަޖެޓުގައި ހިމެނެނީ، އޭގެ ތެރެއިން މިހާރު އެންމެ ބޮޑު މައްސަލައަކަށް މިއޮތީ ފުޓުބޯޅަ ދަނޑުގެ ވާހަކަ. ފުވައްމުލަކު ދެކުނު ދާއިރާގެ ފުޓުބޯޅަ ދަނޑުގެ ވާހަކައަކީ ޒުވާނުން އެތަށް ދުވަހެއްވަންދެން، ފާއިތުވި 20 އަހަރު ދުވަސް ވަންދެން އުއްމީދެއްގައި ތިބި ދަނޑެއް. އެހެން ނަމަވެސް ފާއިތުވި 20 އަހަރުގައިވެސް އެންމެ ކުޑަ މިނުން ބަޖެޓުގައިވެސް ހިމެނިފައެއް ނެތް. އެހެން ނަމަވެސް މިއަހަރުގެ ބަޖެޓުގައި ވެސް އޮތް، ނަމަވެސް ހާލަތު ދިމާކުރި ގޮތުން ނުވެ ދިޔައީ، އަންނަ އަހަރުގެ ބަޖެޓުގައިވެސް އެބައޮތް. ” މުމްތާޒް މިރޭ ކުރިއަށް ދާ ބަޖެޓް ބަހުސްގައި ވިދާޅުވިއެވެ.

މުމްތާޒް ފުވައްމުލަކު ދެކުނު ދާއިރާގެ ފުޓުބޯޅަ ދަނޑާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިދާާޅުވި ގޮތުގައި ދައުލަތުން ދަރަނި ނަގައިގެން ކަމުގައި ވިއަސް އެ ދަނޑު އެޅިގެން ދިއުމަކީ ދާއިރާގެ ޒުވާނުންނާއި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތް ކަމުގައެވެ. އެގޮތުން ދަރަނި ނަގައިގެން ހުޅުމާލެ އާއި މާލެއާއި ދެމެދު ބްރިޖެއް އެޅުނު ގޮތަށް ފުޓުބޯޅަ ދަނޑެއްވެސް އެޅެންޖެހޭނެ ކަމަށްވެސް މުމްތާޒް ވަނީ ވިދާޅުވެފައެވެ.

“ފުވައްމުލަކު ސްކޫލުގެ ހޯލެއް ނެތި 20 އަހަރު ފާއިތުވެގެން ދިޔައީ، އެންމެ ކުޑަމިނުން ބަޖެޓުގައި ހިމަނައިފަވެސް ނެތް. އެ ހާސިލު ކުރަން ބޭނުންވާ މަގުސަދު، އެއްވެސް ކަމެއް ބަޖެޓުގައިވެސް ހިމަނައިފައެއް ނެތް. 100 މިލިއަން ޑޮލަރު އެކި ދިމަދިމާލަށް ހަރަދު ކުރަމުންދާއިރު ފުވައްމުލައް ސްކޫލުގެ ހޯލެއް ނެތި ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުން އިންތިޒާރުކުރާތާ ފާއިތުވި 20 އަހަރު ދިޔައީ ބަޖެޓުގައިވެސް ނުހިމެނި. މިއަހަރު އެބައޮތް، އެހެން ނަމަވެސް މިއަހަރުވެސް ދިޔައީ. އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ ބަޖެޓުގައި މިކަންތައް ހިމެނިފައި އެބައޮތް، މިކަންތައް ތަންފީޒުވެގެން ދިއުން.” މުމްތާޒް ވިދާޅުވިއެވެ.

މުމްތާޒް އިތުރަށް ވިދާޅުވިގޮތުގައި ދައުލަތެއް ނުވަތަ ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންތައް ކޮށްދިނުން ކަމަށެވެ. އެގޮތުން އެއީ ދަރަންޏަށް ނަގައިގެން ވިއަސް އެހެން ހާލެއްގައިވިއަސް ރައްޔިތުން އެދޭ ކަންތައް ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ.

“ފުވައްމުލަކު ގިރާ ސަރަހައްދު ހަމަ ގިރަމުން ދަނީ. އަޅުގަނޑުމެން މިދަނީ އަހަރަކަށް ފަހު އަހަރެއް، މިއަންނަ އަހަރު، މިއަންނަ އަހަރު ކިޔަމުން، ގިރާ ސަރަހައްދު ހަމަދަނީ ގިރަމުން. ގިރާ ސަރަހައްދު ހަމަ ބޮޑު ވަމުން ދަނީ. ރައްޔިތުން ބޭނުންވޭ ލޯނެއް ނަގައިގެން ނަމަވެސް، ދަރަންޏެއް ނަގައިގެން ވިއަސް ފުވައްމުލައް ހިމާޔަތްކުރަން. އަޅުގަނޑު ދަންނަވާނީ މިއީ ރައްޔިތުން ހޮވާފައި ތިބޭ ވެރިންގެ ޒިންމާއެކޭ.” މުމްތާޒް ބަހުސްގައި ވިދާޅުވިއެވެ.

އަންނަ އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތަކަކީ ފުވައްމުލަކުގެ ދެކުނު ދާއިރާގެ ރައްޔިތުން ގިނަ ދުވަސްތަކެއްވަންދެން ދެކެމުން އައި ހުވަފެނެއް ކަމުގައިވެސް މުމްތާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިގްތިސާދީ ގޮތުން މިހާލަތުގައި ގައުމު އޮތްއިރު ވެސް އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ. އެގޮތުން ފުވައްމުލައް ހާފިޒް އަހުމަދު ސްކޫލުގައި 16 ކްލާސްރޫމުގެ 3 ބުރި އިމާރާތެއް އެޅުމާއި، ބަނދަރު ސަރަހައްދުގައި މިސްކިތެއް އިމާރާތްކުރުމާއި ބަނދަރުގައި ސެންޓްރަލް ފެރީ ޓާމިނަލް އެއް ގާއިމުކުރުމާއި އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލައް ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ބަޖެޓުގައި ހިމަނައިފައިވާކަމަށް މުމްތާޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ފުވައްމުލަކުގައި ގާއުމުކުރަން ހަމަޖެހިފައިވާ ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓިއުޝަނެއް ގާއިމުކުރުމުގެ މަޝްރޫއުއަކީ މިހާރުވެސް މާބޮޑަށް ލަސްވެފައިވާ ކަމެއް ކަމުގައިވެސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުމްތާޒް ވަނީ ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގައި ފުވައްމުލައް ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް ޖުމްލަ 25 މަޝްރޫއަކަށް 115،867،631 (ސަތޭކަ ފަނަރަ މިލިއަން އަށް ލައްކަ ފަސްދޮޅަސް ހަތް ހާސް ހަސަތޭކަ ތިރީސް އެކެއް) ރުފިޔާ ހުށައަޅައިފައިވެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ތަރައްގީއަށް އަންނަ އަހަރު 15 މަޝްރޫއެއް މުޅިން އަލަށް ފެއްޓުމަށް ބަޖެޓުގައި އެކުލަވާލައިފައިވާއިރު އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަން ކަނޑައަޅައިފައިވަނީ ފުވައްމުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށެވެ.