English Edition
Dhivehi Edition

ޒުވާނުންގެ އެންމެ ބޮޑު ކަންބުޑުވުމަކީ އެޖިންސުއްލަތީފުންގެ ނާޒުކު ހަންގަނޑަށް ލިބިދާނެ ގެއްލުމެވެ. މޫނުގެ ރީތިކަން ގެއްލިދާނެ ކަމުގެ ބިރެވެ. ހަށިގަނޑުގެ ބައްޓަމަށް އައިސްދާނެ އައިބެކެވެ. މިހިރަ ކަންކަމީ ޒުވާނުން އެކަމަކާއި ވިސްނާ ފިކުރުކުރުން ދުރުކުރެވޭނެ ކަންކަމެއް ނޫނެވެ.

އަބަދުވެސް އިވޭ އެއް އަޑަކީ މޫނުގައި ލަތްގަނޑެއް ޖެހި އެއަށް ބޭނުންކުރާނެ ރަނގަޅު ކޮސްމެޓިކެއް ނުލިބިގެން އުޅޭ ވާހަކައެވެ. އެއްއިރެއްގައި ބޭނުންކުރި ކްރީމް ވަރަށްވެސް ރަނގަޅު ވާހަކައެވެ. ނަމަވެސް މިހާރު އެއިން އަސަރު ނުކުރާ ވާހަކަ އެވެ. އެވެނި މީހަކު ބޭނުންކުރާ ކޮސްމެޓިކްސް އިން މޫނު މަތި ވަރަށް އުޖާލާކޮށް ހުންނަ ވާހަކަ އެވެ. އެންމެ ފަހުން ގަތް ފޭސް ކްރީމް ކަޑަ ވާހަކަ އެވެ. މިހެންގޮސް މިކަހަލަ ތޯތޯ ވާހަކަ ދައްކާލަން ތިބެވިދާނެއެވެ. ނަމަވެސް ކަމުގެ ހަޤީޤަތް ބެލުމެއް ނެތެވެ.

މަސް ފެށުމާއި އެކު ކޮސްމެޓިކްސް ފިހާރައަށް ދާ ގިނަ ޒުވާނުންގެ އުންމީދަކީ ނިމި ދިޔަ މަހަށް ވުރެ ތާޒާ އުޖާލާ ހަންގަނޑެއް ލިބިގަތުމެވެ. އެއަށްވުރެ ފަރި ހިނިތުންވުމެއް ގެނުވާކަހަލަ މޫނެއް ހުރުމެވެ. އެހެނަސް މިއީ ހުވަފެނަކަށް ވެގެންދަނީ ބައްލަވައި ގަނެވޭ ކޮސްމެޓިކްސް ތަކުގެ ސަބަބުންނޭ ބުންޏަސް އެކުދިންނަށް ޤަބޫލު ނުކުރެވޭނެއެވެ. ސަބަބަކީ އެއްއިރެއްގައި އެކޮސްމެޓިކްސް އިން އެއުންމީދު ކުރި އުޖާލާކަން ގެނެސް ދިންކަމުގެ އިޙްސާސް ކުރުވީތީ އެވެ.

ދެން ހަޤީގަތަށް ބަލާލަމާ ހިނގާށެވެ. މޫނުމަތީގައި ތިޔަ ހާކާލާހާ ކްރީމާއި، ފައުންޓޭޝަންތަކުން ހިތްހަމަޖެހުމެއް އެބަ ލިބޭހެއްޔެވެ. ނޫނެކޭ ހިތާހިތާ ބުނެލާނަމަ އިތުރަށް ވިދާޅުވާށެވެ. ކޮސްމެޓިކްސް އަކީ ކޯޗެއްކަން ތި ޒުވާނުންނަށް އެނގޭހެއްޔެވެ. އެނގޭނަމަ އެގޭހާވެސް އެއްޗެކީ އޭގެ ބޭރުގައި ލިޔެފައިވާ މައުލޫމާތު ކޮޅެވެ. ޓީވީ އިން ދައްކާ އިޝްތިހާރާމެދު ވިސްނާލިން ހެއްޔެވެ. ނަމަވެސް އެއީ ވިޔަފާރިއަށް ބަޔަކު މީހުން އުފައްދާ އެއްޗެއްކަން އެއް އިރެއްގައިވެސް ވިސްނާލިން ހެއްޔެވެ.

ކޮސްމެޓިކްސް ތަކަކީ ތަފާތު އެކި ކެމިކަލްތަކާއި ފަތްޕިލާވެލި އެކި މިންވަރަށް އެއްކޮށް މަސްހުނިކޮށްގެން ނެރޭ އެއްޗެކެވެ. ބާޒާރަށް ނެރުމުގެ ކުރިން އެތަކެއް ޓެސްޓްތައް ހެދިނަމަވެސް އިންސާނުންގެ ހަންގަނޑަށް ގެއްލުންދޭ ތާވަލުގެ ބޯޑަރ ލައިން ހުރަސް ކުރާ ހިސާބުގައި ހުންނަ އެއްޗެއްސެވެ. ސަބަބަކީ ވިޔަފާރީގެ ނަފާ ނެރުމަށް ބޭނުންވާނެތީއެވެ. އަލަށް އިޖާދުކުރާ ބާވަތްތައް ފުރަތަމަ ބޭނުން ކުރާއިރު ނުކުންނަ ނަތީޖާ ފަހުން ނުނުކުންނަނީ މިބުނި ފަދައިން އޭގައި ބޭނުންކުރާ ކެމިކަލްތަކަށް ބަދަލު ގެންނާތީ އެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑަށް އެންމެ އެކަށޭނެ ގޮތަށް އުފައްދާ ރަނގަޅު އުފެއްދުންތައް މަދެއް ނޫނެވެ.

ކޮންމެ ކޮސްމެޓިކެއް ބައްލަވައި ގަތުމުގެ ކުރިން އޭގައި އެކުލެވިގެންވާ މާއްދާތައް ބަލާލާށެވެ. އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި މިންވަރު ދެނެގަންނާށެވެ. އާއްމުކޮށް ކޮންމެ ކޮސްމެޓިކްސް އެއްގައި އެއުފެއްދުމެއް ތިމާވެއްޓާއި ރަހުމަތްތެރި މިންވަރު އަންގައިދޭ ނިޝާނެއް ޖަހާފައި ހުންނާނެއެވެ. އެގޮތުން ގިނަ އުފެއްދުންތަކުގައި އެކި ކުލަކުލައިގެ ލޭބަލް ޖަހާފައި ހުރެއެވެ. އެގޮތުން ފެހިކުލައިގެ ލޭބަލް ހުންނަ އުފެއްދުންތަކަކީ ރަނގަޅު އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަގުހެޔޮ ކޮންމެ ކޮސްމެޓިކް އަކީ ދެރަ އެއްޗަކަށް ނުވާގޮތަށް އަގު ބޮޑު ކޮންމެ ކޮސްމެޓިކެއް މޮޅު އެއްޗަކަށް ވެސް ނުވެއެވެ. ކޮސްމެޓިކްސް ގަތުމުގައި އެމީހެއްގެ ނާޒުކު ހަންގަޑާއި ގުޅޭ، އެމީހަކު އުޅޭ މާހައުލަކާއި ރަހްމަތްތެރި އެއްޗެއް އިޙްތިޔާރު ކުރަން ޖެހެއެވެ. ކޮންމެ މީހަކަށްވެސް ކޮންމެ އުފެއްދުމަކުން އަސަރު ކުރާނީ އެކި މިންވަރަށެވެ. އެހެންކަމުން އަނެކާ ގަންނަހާ އެއްޗެއް ތިމާ ގަންނާކަށް ނުޖެހެއެވެ.

ކޮސްމެޓިކްސް އަކީ އޭގެ އަސްލަށް ބަލާއިރު ހަށިގަނޑަށް ގެއްލުން ދިނުން ބޮޑު އެއްޗެކެވެ. މަދު ވަގުތުކޮޅަކަށް ރީތި ދައްކާލުމެއް ދައްކާލި ނަމަވެސް ދުރުމުސްތަޤުބަލަށް ރަނގަޅު އެއްޗެއް ނޫނެވެ. ޤުދުރަތީ ރީތި ހަންގަނޑުގެ ރީތިކަން ގެއްލުވާލުން ނޫން އިތުރު ކަމެއް އެއަކުން ނުކުރާނެއެވެ. އެހެންކަމުން ކޮސްމެޓިކްސް ގަތުމުގައި އިހުނަށްވުރެ ފަރުވާތެރިވުން ރަނގަޅެވެ.

ރީތި ތާޒާ ހަންގަޑެއްގެ ވެރިއެއްގެ ގޮތުގައި އަބަދު ހުރުމަށް އެދޭނަމަ ގިނަ ވިހަ ކެމިކަލްތައް ބޭނުންކޮށްގެން އުފައްދާ ކޮސްމެޓިކްސް އަށް ނޫނެކޭ ބުނުން މާ ބޮޑަށް ވެސް ބުއްދިވެރިއެވެ.

ޓެގު