English Edition
Dhivehi Edition

އަތްމަތި ތަނަވަސްވުމަކީ އެންމެންވެސް ދެކޭ ހުވަފެނެކެވެ. އެކަމަށް ކިތައްމެ މަސައްކަތެއް ކުރިޔަސް ކާމިޔާބީއާ ހަމަޔަށް ވާޞިލު ވުމަކީ އަދި އެންމެންނަށް ކުރެވޭނެ ކަމެއްނޫނެވެ. އަޅުގަނޑުމެންނަށް ލޯމަތިން ފެންނަމުންދާ ޙަގީގަތަކީ އާދައިގެ ދިރިއުޅުމެއްގައި އުޅެމުންދާ މީހާ މަޑުމަޑުން ކުރިއަރައިދާތަނެވެ. ދެންބަލާލެވެނީ ތިމާއަށް އެހެން ނުވަނީ ކީއްވެތޯއެވެ. ހަޔާތުގައި އެންމެންނަކީ ކާމިޔާބު ބައެއް ނޫނެވެ. އެހެނަސް ކަންކަން މެދުވެރި ވުމުގައި ސަބަބުތަކެއް ހުރެއެވެ. ތިޔަ ބޭނުންވާފަދަ ތަނަވަސް އުފާވެރި މީހަކަށް ނުވެވޭ ފަދަ ސަބަބެއްގައި ހިފިފައިވޭތޯ ބަލާލަން މިގެނެސްދޭ ލިސްޓު ޗެކްކޮށްލާށެވެ.

  • 1 ސިނގިރޭޓް ޖުވަތަ ވޭޕް ބުއިން:

ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޯ މީހުން އެއާދަ ދޫކޮށްލައިފިނަމަ އަހަރަކު 30000 ރުފިޔާ ސަލާމަތް ކުރެވުނީއެވެ. އެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ސިއްޙަތަށް ލިބޭ ގެއްލުން ކުޑަވެ ސިއްޙީ ޚަރަދުތަކަށް ކުރާ ހޭދަވެސް ކުޑަވެގެންދާނެއެވެ.

2 ހައްދުފަހަނަ އަޅާހާ އަގުބޮޑު ކޮފީބޯން ދެވި ހިފުން

މިތާނގައި “ހައްދުފަހަނަ” އެޅުމޭ މިބުނެލީ ސިކުނޑިއަށް ގަބޫލު ކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކޮފީތަކުގެ ވާހަކައަށެވެ. މިފަދަ ތަފާތު ބްރޭންޑް ތަކުގެ ކޮފީ ބާޒާރަށް ނެރެމުން އަންނައިރު އެފަދަ ކޮފީއަކަށް އަރާލުމަކީ ރައްޓެހިންގެ މެދުގައި މާހިނގާ ޓްރެންޑެކެވެ. މީހާ މީހަކަށްވަނީ ވެސް އަގުބޮޑު ބްރޭންޑެއްގެ ކޮފީއެއް ބޯލަން ގޮސް އޭގެ ފޮޓޯވެސް އިންސްޓަގްރާމް ކޮށްލެވުނީމައެވެ.

3 ބަނޑުހައިވާ ކޮންމެ ފަހަރަކު ރެސްޓޯރެންޓްތަކަށް ދާހިތްވުން

ބޭރަށް ކާން ދިއުމަކީ އެންމެން ވެސް ކުރާހިތްވާ ކަމެކެވެ. ކިތައްމެ އާދައިގެ މީޓިން އެއްބާއްވާލަން ވިއަސް މިހާރު ރެސްޓޯރެންޓް ވަރު ތަނެއް ނުހުންނާއެވެ. އޮފީހުގެ ބުރަ މަސައްކަތަށްފަހުވެސް ގްރޫޕް އެއްކޮށް ދެވޭ އެންމެ އަވަސްތަނަކަށް އޮންނަނީ ކެފޭ ނުވަތަ ރެސްޓޯރެންޓެވެ. ސިއްޙަތަށް ފައިދާހުރި މީރު ކެއުމަކަށް އިންސާފު ކުރެވެންޏާ އެއީ މާބޮޑު މައްސަލައެއްނޫނެވެ. އެހެންނަމަވެސް އެއާ ޚިލާފަށް ޖީބަށް ބުރަބޮޑުވާހެން ހިތުހުރި ވަރެއް ކުރެވޭނަމަ އެދިޔައީ ގޯހަށެވެ.

4 ވީޑިއޯ ގޭމް ޕޮއިންޓްސް ހޯދުމަށް ފޯރި ހިފުން

ވީޑިއޯ ގޭމް ކުޅުމަކީ އެކަމުގައި ފައިދާއާއި ގެއްލުން އެކުލެވޭ ކަމެއް ކަމަށް އެންމެންވެސް އެއްބަސްވެއެވެ. އެއަށް ދެވި ހިފުމަކީ އެންމެ ނުރައްކާތެރި މަރްޙަލާ ކަމަށްވާއިރު އޭގެ ފަހުން ސްކޯ ނުވަތަ ޕޮއިންޓްސް މަތި ކުރުމަށް އުފެދޭ ޝައުގާއެކު ތިމާގެ ވަގުތާއި ފައިސާ ހޭދަކޮށްލުން މަޖްބޫރު މާއްދާއަކަށް ވެދެއެވެ. އެހެން ވާދަވެރިންނަށް ވުރެ މޮޅުވުމަށް ހިފޭ މިއާދައިން ގެއްލިގެންދަނީ ޙަޔާތުން އަގުބޮޑު ދުވަސްތަކެއް ކަމެއް އިޙުސާސްވެސް ނުވެއެވެ.

5 “ފްރީ ޓްރަޔަލް” ކެންސަލް ކުރަން ހަނދާން ނެތުން

ބޭނުންވާ އެތައްކަމަކާއެކު ލޮލުގައި އަޅައިގަންނަ ސޮފްޓްވެއަރ ތަކާއި އެޕްލިކޭޝަންތައް މާކެޓުގައި ހަބޭހަށް އެބަހުއްޓެވެ. އެންމެ ފަހަރަކު ބޭނުންކޮށްލަން ވިޔަސް އެއަށް ވަދެވެނީ ފްރީ ޓްރަޔަލް އެއްގެ ދަށުންނެވެ. ދީފައިވާ މަދު ދުވަސްކޮޅު ނިމޭއިރަށް ފައިސާ ނަގަން ފަށައެވެ. އޮޓޯ ރިނިއުވެސް އޮންނަނީ ކުރެވިފައެވެ. އެނގުމާއި ނޭނގުމުގެ ތެރެއިން ތިމާގެ ކްރެޑިޓް ކާޑުން މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް އުނިވެގެންދާ ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނޯވެއެވެ. ފަރުވާ ކުޑަ ކޮށްލުމުން ގެއްލިގެންއެދަނީ އެތައް ހާސް ރުފިޔާއެވެ.

6 އަގުބޮޑު ބްރޭންޑް ތަކަށް ލޯބިކުރުން

މިއީ ތަނަވަސްކަމުގެ އަހުލުވެރިންނަށް މާބޮޑު ކަމެއްނޫނެވެ. އެހެނަސް ފަހަށް ރައްކާކުރުމުގެ ވިސްނުމާއި ތަނަވަސްކަން ހޯދުމުގެ ވިސްނުމުގައި ކުރިއަށްދާ މީހަކު މިކަމަށް ދެވި ހިފައިފި ނަމަ އެވިސްނުން ދޫކޮށްލަން މަޖްބޫރު ވާނެއެވެ.

7 ގޭންބްލިން

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް މަނާ ކޮށްފައިވާ ޖުވާ ކުޅުމާއި ނޭނގި ނަމަވެސް ދިވެހިން ނަށް ކައިރިވެވެއެވެ. ނަސީބު ވަޒަންކޮށްގެން އެއްފަހަރާ މުއްސަނދި ވުމުގެ ވިސްނުމާއެކު ފެށޭ މިކަމުން އެއްފަހަރުން މީހާ ހުލިވެސް ވެދެއެވެ. އެހެންކަމުން މިއީ އެއްވެސް ޙާލެއްގައި ކުރަން ރަނގަޅު ކަމެއް ނޫނެވެ.

8 ބާޒާރަށް އަލަށް ނުކުންނަ އެންޑްރޮއިޑް ނުވަތަ އައިފޯނު ހޯދުމުގެ ޝައުގު

ކުރިއަރާފައިވާ ޤައުމުތަކުގައި އައިފޯނަކީ މުއްސަނދިންގެ އެއްޗެކެވެ. ދިވެހިންގެ ތެރޭގައި މުއްސަންޖެއް ފަގީރެއް ބެލުމެއްނެތި އައިފޯން ބޭނުންކޮށް ހަދައެވެ. ގެންގުޅޭ ފޯނުގެ އައު ވާޝަންއެއް ބާޒާރަށް ނުކުންނަނީ ކުރިން ލިބެންނެތް އެތައް ފީޗަރ ތަކަކާއެކުއެވެ. އެހާހިސާބުން ބާފޯނު އެއްލާލާ އައު ފޯނު ގަންނަން ޝައުގު އުފެދެއެވެ. އެއާއެކު ދެން ހަމަނޭވާ ލާނީވެސް އާ ފޯނު އަތަށް އެރީމައެވެ. ފޯނަށް ކުރެވޭ ޚަރަދު ވަޒަންކޮށްލާ މީހުން މަދެވެ.

9 ކްރެޑިޓް ކާޑަށް ފުލް ޕެއިމެންޓް ނުދައްކާ ހުރުން

ރާއްޖެއަށް އަލަށް ވިޒާ އަދި އެމެކްސް ތަޢާރަފްވުމާއެކު ކްރެޑިކް ކާޑު ހެއްދުން ފެށަނަކަށް ވެގެންދިއެވެ. ބޮޑު މުސާރަ ލިބޭ ވަރަކަށް ގްރީން، ގޯލްޑް ނުވަތަ ޕްލެޓިނަމް ކާޑު ވޮލެޓަށް ލައިގެން އުޅުމުގެ ފަޚުރު ދަމަހައްޓައެވެ. މިކާޑު ތަކުގައި ދީފައިހުންނަ ކްރެޑިޓް ލިމިޓާއި ހަމަޔަށް އެކިކަންކަމަށް ޚަރަދުކޮށް ހުސްކޮށްލައެވެ.ދެން ތިބެނީ ކާޑަށް ދައްކަން ޖެހޭ މިނިމަމް އެމައުންޓު ކޮންމެ މަހަކު ދައްކާލަ ދައްކާލައެވެ. އިންޓްރެސްޓް އެހާބޮޑުމި ކާޑު ގެންގުޅޭތާ ވިއްސަކަށް އަހަރު ވާއިރު 12000 ރުފިޔާގެ ކްރެޑިޓް ކާޑަކަށް 5 ލައްކަ ރުފިޔާ ދައްކާލެވިފައިވުމަކީ ކިހާ ބޮޑު “ވޭސްޓެއް” ކަމެއް ހިތަކަށް ނުގެނެވޭނެއެވެ. އަބަދުވެސް އެ 12000ރުފިޔާ އެކައުންޓްގައި ބެހެއްޓެން ނެތިއްޔާ ކްރެޑިޓް ކާޑު ގެންގުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

މިގެނެސްދެވުނީ ނޭނގި ނަމަވެސް އަމިއްލަ ޖީބުން ކުރެވޭ ބޭކާރު ހޭދަތަކުގެ ކުޑަ މިންވަރެކެވެ. މިފަދަ ކުދި ކުދި ކަންތައްތަކަށް ފަރުވާތެރިވެ ފަހަށް ރައްކާކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ. މިއާއެކު ތަނަވަސް ކަމަށް ކުރާ ދަތުރުގައި ދީލަތި ކަމުގެ ސިފައިން ސިފަ ލިބިގަތުމަކީ ވެސް ރަނގަޅު އާދައެކެވެ.

1 ކޮމެންޓް
ކސޖސޖޖސނސޖ
މެއި 12, 2023
އަހަރެމެން ރަށުގަ މިއުޅޭ ބޫގަލް ބަޅުންނަށް ހަޖަމެއް ނުވޭ މީހަކު ވަދުކަނޑާގެން ގޮސް އިންނަ ފައިވާނަކަށް އެރިޔަސް. ތިބެނީ ދުވަސް ދުއްވާލަން ވެފަ ނގބޅތައް މަހުސަރު ދުވަހުން ހޭރިލާނެ މިހާރު މަޖާ ކުރިޔަސް