އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން 1929 ފަރާތަކަށް 321.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރިކަވަރީ ލޯނު ސްކީމް އަކީ ކޮވިޑް-19ގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ ލޯނެކެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކުދި އަދި މެދުފަންތީގެ 1322 ވިޔަފާރިއަކަށް ވަނީ 303.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 607 ފަރާތަަކަށް ވަނީ 18.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެ އިތުުރުން ކޮވިޑް-19 ކަނބަލުން ހިންގާ ވިޔަފާރިތަކަށް އެސްޑީއެފްސީން ވަނީ 559 ކަނބަލަކަށް 114.7 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އެގޮތުން މި ލޯނު ދޫކޮށްފައިވަނީ އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރި ހިންގާ ކަނބަލުންނަށެވެ.
އެސްޑީއެފްސީ ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކޮށްފައިވާ ދާއިރާތަކަށް ބަލާލާއިރު ވިޔަފާރި ކުރާ 809 ފަރާތަަކަށް 193.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތުން 58.7 މިލިއަން ރުފިޔާ ދޫކޮށްފައިވާރިއިރު ފަތުރުވެރިކަމަށް 54.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓްގައި، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ. ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭއިރު ލޯނު ލިބޭ ވިޔަފާރިވެރިން ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރުގެ ތެރޭގައެވެ.