މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މި އަހަރުގެ ޑިސެންބަރު މަހު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފީފާ ކްލަބް ވޯލްޑްކަޕް ފަސްކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ނިންމައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ކުޅިވަރު ކަލަންޑަރަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން މި އަހަރުގެ ޖޫން/ޖުލައި މަހު ބާއްވާ ގޮތަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕާ އެމެރިކާ ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
ދުނިޔޭގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ، ކްލަބް ވޯލްޑްކަޕް މިހާރު ބޭއްވުމަށް ނިންމާފައިވަނީ 2021 އަހަރުގެ ފެބުރުއަރީ މަހުގައެވެ. ފީފާގެ އޮފިޝަަލަކު ބުނީ މި އަހަރު ޑިސެންބަރުގައި ކްލަބު ވޯލްޑްކަޕް ބޭއްވޭތޯ ހުރިހާ ގޮތަކުން މަސައްކަތްކުރުމަށް ފަހު މިހާރު އެ އިދާރާ އިން ނިންމާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 1 އިން 11 އަށް އެ މުބާރާތް ބާއްވާށެވެ.
މިހާރު އާދައިގެ ގޮތަކަށް، ހަ ބައްރުގެ ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ގައުމުގެ އެއް ޓީމު ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން މިދިޔަ އަހަރުގެ މާރިޗް މަހުގައި ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ.
އެންމެ ފަހުން ކުޅެވުނު މިދިޔަ އަހަރުގެ ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކުޅެވޭ މި މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ވާދަކުރާ ބަޔާން މިއުނިކް ވަނީ 2013 ވަނަ އަހަރު ކްލަބް ވޯލްޑްކަޕްގެ ތަށި އުފުލާލައިފައެވެ.
Update on FIFA Club World Cup 2020 and women’s youth tournaments following decisions by the Bureau of the Council
?➡️ https://t.co/vRwOuWPJx0 pic.twitter.com/PRbS9USqEK
— FIFA Media (@fifamedia) November 17, 2020