English Edition
Dhivehi Edition
06 ޑިސެމްބަރު 2019 ގައި ބޭއްވި ޖޭއެސްސީގެ 88 ވަނަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ

ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން 15 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމުމާ ގުޅިގެން، ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމުމާ ގުޅިގެން، އެ މައްސަލަ އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖޭއެސްސީ އަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެވެ.

އެ މައްސަލަތަކުގެ ތަޚްޤީޤުގެތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ އަބްދުލްބާރީ ޔޫސުފުއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

އަދި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ޖޭއެސްސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000 ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމާއި، ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000 ރުފިޔާ ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފްއާ ބެހޭގޮތުން ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް އަންގާފައިވާތީ، ޤާނޫނު ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ހުރީ ސަސްޕެންޑްކުރެވިފައި ކަމަށްވެސް ޖޭއެސްސީން ހާމަކުރެއެވެ.