English Edition
Dhivehi Edition

ހިއުމަން ޓްރެފިކިންގއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް މަގުފަހިކުރުމުގެ ގޮތުންhelpvot.gov.mv’ ގެ ނަމުގައި ޚާއްސަ ވެބްސައިޓެއް ތަޢާރަފުކޮށް އެވެބްސައިޓް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބެލެހެއްޓުމަށް ‘ޓްރެފިކިން އިން ޕާރސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް’ ގެ ނަމުގައި ޚާއްސަ ރިޕޯރޓިންގ ސިސްޓަމެއް ރަސްމީގޮތުން މިއަދު އިފްތިތާހްކޮށްފިއެވެ. މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ. މިރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯ،އެމް) ގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މރ. ޖެޒަބޭ ކްރޮސެޓީއާއި ، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ޕްރޮގްރާމް އޮފިސަރ މިސް އިހްމާ ޝަރީފްއާއި ރާއްޖޭގައި ތިއްބަވާ ބޭރު ޑިޕްލޮމެޓިކް މިޝަންތަކުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި އައިއޯއެމްގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ޗީފް އޮފް މިޝަން މރ. ޖެޒަބޭ ކްރޮސެޓީ ދެއްކެވި ވާހަކަފުޅުގައި ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް ދިވެހި ސަރުކާރާއި އަދި ފުލުހުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހިއުމަން ޓްރެފިކިން ޤާނޫނެއް ރާއްޖޭގައި އެކުލަވާލާފައިވުމާއި، އެންޓި ހިއުމަން ޓްރެފިކިންގ ޕްލޭނެއެއް އެކުލަވާލުމާއި ހިއުމަން ޓްރެފިކިންގއާއި ބެހޭ ބައިނަލް އަޤްވާމީ މުއާހަދާތައް ތަންފީޒްކުރުމާއި، ކަމާގުޅޭ ތަމްރީނުތައް ފުލުހުންނާއި ކަމާއިގުޅޭ އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ. ހިއުމަން ޓްރެފިކިންގ މައްސަލަތަކުގެ ޝިކާރއަކަށްވާ ފަރާތްތަކުން އެފަދަ މައްސަލަ ހުށަހެޅުމަށް ބޭނުންވިނަމަވެސް ގިނަފަހަރަށް އެކަން ނުކުރެވެނީ ބިރުދެއްކުމާއި ޖެހިލުންވުންފަދަ ކަންކަމުގެ ސަބަބުން ކަމުގައިވީނަމަވެސް މިއަދު އިފްތިތާހްވެގެން ދިޔަ ޑޭޓާބޭސްގެ އެހީގައި ފަސޭހަކަމާއެކު މައްސަލަ ހުށަހެޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މރ. ޖެޒަބޭ ކްރޮސެޓީ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ދެއްކެވި ވާހަކަފުޅުގައި މިއަދު އިފްތިތާޙްކުރެވިގެންދިޔަ ‘ޓްރެފިކިން އިން ޕާރސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް’ އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ޓްރެފިކިންގ ޔުނިޓާއި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ފާއިތުވި 7 މަހެއްހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި މިކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިސިސްޓަމްގެ އެހީގައި ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިސިސްޓަމްގެ ސަބަބުން މިފަދަ މައްސަލަތައް ހުށަހެޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ހިއުމަން ޓްރެފިކިންގ އާއި ދެކޮޅަށް މަސައްކަތްކުރުމަށް އައިއޯއެމްއާއި ދިވެހި ފުލުހުން ގުޅިގެން އެކުލަވާލި ޕްރޮޖެކްޓްގެ ދަށުން ފާއިތުވި ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހިއުމަންޓްރެފިކްގެ މައްސަލަތައް ތަޙްޤީޤްކުރުމާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގެ ޝިކާރައަކަށްވެފައިވާ މީހުން ދެނެގަތުމާއި ގުޅޭ ޚާއްސަ ތަމްރީނުތައް ދިވެހި ފުލުހުންނަށް ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތައް ހުށަހެޅުމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.