ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދިނުމަށާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެެ މަސައްކަތް ހަރުދަނާ ކުރުމަށް ޔުނިސެފުން އެ ސެންޓަރަށް 46 ލެޕްޓޮޕާއި 5،000 ޕީސީއާރު ޓެސްޓުކިޓު ހަދިޔާކޮށްފިއެވެ.
ޔުނިސެފުން ހާމަކުރިގޮތުގައި ރާއްޖޭގައި ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ އިސް މަރުކަޒަކީ އެޗްއީއޯސީ ކަމަށާއި އެޗްއީއޯސީ އިން މިހާތަނަށްވެސް މަސައްކަތް ކުރަމުން އައިސްފައިވަނީ މަދު މުވައްޒަފުންނާއި އެއްކޮށް ގިނަ ގޮންޖެހުންތަކާއި އެކު ވަރަށް ދަތިކޮށް ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ އިން ހަދިޔާކުރި ލެޕްޓޮޕްތަކާއެކު އެޗްއީއޯސީގައި މަސައްކަތްކުރާ ގުރޫޕުތަކުގެ މަސައްކަތް އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށާއި އެޗްއީއޯސީގެ ދަށުން މަސައްކަތްކުރާ ތަފާތު 17 ޓީމަކުން މި ލެޕްޓޮޕް ތައް ބޭނުންކުރާނެ ކަމަށެވެ. އެގޮތުން ރެޕިޑް ރެސްޕޮންސް ޓީމާއި ކޯލް ސެންޓަރުއަދި ކޮންޓެކްޓް ޓްރޭސިން ޓީމާއި މީޑިއާ އެންޑް ކޮމިޔުނިކޭޝަން ޓީމުގެ އިތުރުން މެޑިކަލް ސަޕްލައިސް އެންޑް ޕްލޭނިން އާއި ކޯޑިނޭޝަން ޓީމަށްވެސް މި އެހީގެ ފައިދާ ކުރާނެ ކަމަށް ޔުނިސެފުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ހަދިޔާ ކުރެވުނު ޕީސީއާރު ކިޓްތަކާއެކު ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތަށް އިތުރު ލުއިފަސޭކަމެއް އަންނާނެ ކަމަށްވެސް ޔުނިސެފުން ވަނީ ހާމަކޮށްފައެވެ.
ޔުނިސެފުން އެޗްއީއޯސީ އަސް އިއްޔެ ހަދިޔާކުރި ތަކެތީގެ އަގު 1.7 މިލިއަން ރުފިޔާއަށްއަރައެވެ. ޔުނިސެފުން މިހާތަނަށް ވަނީ ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް 17 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުންވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޔުނިސެފުން ވަނީ ހެލްތު މިނިސްޓްރީ އަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ. އެގޮތުން އިންސާނީ ވަސީލަތް ފުރިހަމަ ކުރުމަށް ވެވޭ އެހީތެރިކަމުގެ އިތުރުން އައިސީޔޫ އަށް ބޭނުންވާ އިކުއިޕްމެންޓު ހަދިޔާކުރުމަށްވެސް ޔުނިސެފުން ވަނީ ނިންމައިފައެވެ.