English Edition
Dhivehi Edition
ކޮވިޑިބަލީގައި ނިޔާވި މީހަކު ގެންދަނީ

އެއީ ދިވެހީންނަށް ހިތާމަވެރި ދުވަހެކެވެ. އެދުވަހަކީ އައިސްދާނެ ދުވަހެއްކަން އެންމެނަށް ވެސް އެނގޭ، އެކަމަކު ނައުމަށް މުޅި ދިވެހި ގައުމު އެދިއެދި ތިބި ދުވަހެކެވެ.

އާދެ! 2020 ވަނަ އަހަރުގެ މާރިޗުމަހުގެ 8 ވަނަ ދުވަހަކީ ދިވެހިންނަށް އުފާވެރި ދުވަހަކަށް ނުވާނެއެވެ. ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނި، ކޮވިޑު19 އިގެ ގޮތުގައި ނަންދެވުނު ބަލިމަޑުކަމެއް ފެތުރެމުންދާތީ މުޅި ދުނިޔޭގެ ސަމާލުކަމަށް ޑަބުލިޔު އެޗް އޯ އިން, އެކަން ގެނެސްފައި ވަނިކޮށް މިކުޑަ ދިވެހިރާއްޖެއިން އެބަލީގެ މީހަކު ފުރަތަމަ ފަހަރަށް ފެނުނުދުވަހަކީ 2020 ވަނަ އަހަރުގެ މާރިޗުމަހުގެ 8ވަނަ ދުވަހެވެ.

ބަލީގެ ކުރީކޮޅުގައި، ކުލަސްޓާރ ތަކަށް ނަންދީގެން، ފައްސިވާ މީހާއާއި ގާތުން އުޅެވިފައި ނޫނީ އެކުގައި ވަކި މުއްދަތަކަށް ވަކި ގޮތަކަށް ބައްދަލުވި މީހުން ދެނެގަނެ، އެމީހުން އެކަހެރިކޮށް ހެދިއެވެ. ނަތީޖާއަކަށްވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެން ރަގަޅަށް ކޮވިޑުގެ ކަންކަން ރާއްޖޭގައި ބެލެހެއްޓެމުން ދިޔުމެވެ. ނަމަވެސް އެކަމާއިވެސް ބައެއް މީހުން ހިތްހަމަ ނުޖެހުނެވެ. އަދި އެމީހުންގެ ފާޑުކިޔުންތައް ކެނޑިނޭޅި ސަރުކާރަށް އަމާޒުވާން ފެށިއެވެ.

މިހެން ފާޑުކީ ބައެއް މީހުންގެ ބަސްމޮށުންތެރިކަން ހުރި ގޮތަކީ، މީކީ ދެން މާބޮޑު ކަމެއްނޫނޭ، މާކަންތައް ބޮޑުކުރަނީ ނޫންހޭ، ލާރި ކާންވެގެން ސަރުކާރުން ޖައްސާ ސްޓަންޓެކޭ، މީ ހަމަ އާދައިގެ ރޯނގާއެއް ނޫންހޭ؟ މިޒާތްޒާތުގެ އިބާރާތުން މިމީހުން ދިޔައީ ސޯޝަލްމީޑިއާގަޔާއި އެހެނިހެން ފޯރަމްތަކުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ސިއްޙީ މާހިރުން އޭރުވެސް ދިޔައީ ރޮއެ އާދޭސް ކުރަމުންނެވެ. ޚާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ކުޑަކުޑަ ތަނަކަށް މިބަލި ފެތުރެން ފަށައިފިނަމަ އެކަން ކޮންޓްރޯލް ނުވާނެ ކަމާއި، ކޮވިޑު19އަކީ އަދި މިހާތަނަށް ބޭހެއް ހޯދިފައިނެތް، ފެތުރުން ހަލުވި ބައްޔަކަށް ވުމުން، މިބަލީގައި ގިނަ ބަޔަކު އެދުމަތިކޮށްގެން ބަލަން ވެއްޖެނަމަ، އެކަން ކުރާނޭ މީހުން ލިބުން ދަތިވާނޭ ކަމަށާއި، ހާލުދެރަވެގެން މަރުވާ މީހުންގެ ނިސްބަތް ގިނަވާނޭ ކަމަށާއި، އޮކްސިޖަނަށާއި އެހެނިހެން ތަކެއްޗަށް ޖެހޭނެ ކަމަށް އޭރުވެސް އެމީހުން ދިޔައީ އާދޭހާއި އެކު އިލްތިމާސް ކުރަމުންނެވެ. ބަލީގެ ކުރީކޮޅު ވަރަށްގިނަ ބަޔަކު ވަރަށް ބޮޑު ސަމާލުކަމެއްދީގެން ރާއްޖޭގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަށްކުރުމަށް މަސައްކަތް ކުރިއެވެ. ނަތީޖާއަކަށްވީ ބަލީގައި ފަށްސިވާ މީހުންގެ އަދަދު ދަށްވަމުންގޮސް 10 ކުން ދަށުގެ އަދަދު ތަކަށްވެސް ދަށްވުމެވެ.

ބަލިން ކޮންމެވެސް ވަރެއްގެ ލުޔެއްލިބި، ކަރަންޓީނުގެ މުއްދަތު ކުރުކޮށް ދަތުރު ފަތުރު ކުރުމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ. އެތަށް ދުވަހެއް ވަންދެން އޮންލައިންކޮށް ކިޔަވަ ކިޔަވާ، ގޭގައި ބަންދުވެގެން ތިބި ސްކޫލް ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް މިހާހިސާބުން ލިބުނެވެ. ނަތީޖާއަކަށްވީ ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ބަނދެވިފައި ތިބި މީހުންގެ ދަތުރުފަތުރު ކުރުން ފެށި އެއް ރަށުން އަނެއް ރަށަށްދާ މީހުންގެ އަދަދު އިތުރުވާން ފެށުމެވެ.

ދެން ފެށުނީ ސިޔާސީ ޑުރާމާތަކެވެ. މުޒާހަރާ ކުރާ މީހުން މަގުމައްޗަށް ނިކުތީއެވެ. ފަސްކުރެވިފައިއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވަން އަޑުންއަޑުނަގާ ގޮވަން ފެށީއެވެ. ތިބިއްޔާ ތިބިހާ ބަޔަކު އިސްތިއުފާ ދޭން ގޮވައި، އަޑުގަދަ ކުރީއެވެ. މި އެއްވުންތަކުގައި މާސްކު އެޅުމެއް ނެތެވެ. ގައި ދުރުކުރުމެއް ނެތެވެ. ކަނޑައެޅިގެން ބައްޔަށް ފައްސިކަން އެނގިތިބެމެ އެކަން ސިއްރުކޮށް، އެއްވުންތަކުގައި ބައިވެރިވިއެވެ. ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ފާޅުގައި މިއަށް ހަޖޫޖެހިއެވެ. އެއްބަޔަކު ކޮވިޑަކީ މިއީ ހަމަ ކުޅޭ ގޭމެކޭ ކިޔާ އަޑުގަދަކުރި އިރު، އަނެއް ބަޔަކު ކޮވިޑަކީ ތިމަންނާމެން ގަބޫލުކުރާ އެއްޗެއް ނޫނޭ ބުނެ ފާޅުގައި ގޮންޖެއްސެވެ. ނަތީޖާއަކަށްވީ ކުޅިބަލަން ތިބި އާންމު ރައްޔިތުންވެސް މިމީހުންގެ ބަހަށް ހެއްލި މިބައްޔަކީ އެހާ ސީރިއަސް ބައްޔެއްނޫން ކަމަށް ގަބޫލުކުރަން ފެށުމެވެ.

ސިޔާސީ މީހުން މިހާލަތުގައިވެސް އެމީހުންގެ ފިކުރު ވިއްކަނީއެވެ. ފާޑުކިޔަން ވަކި ހައްދެއް، ހުދޫދެއް ހަމަ އެހެންމެ އުޞޫލެއް އޮތީކީ ނޫނެވެ. ސަރުކާރުން ކުރާ އެއްވެސް ކަމެއް ކިތައްމެ ރަގަޅަކަށް ކުރިއަސް، ކުރެވޭ އެއްވެސް ކަމެއް އޮތް ކަމަކަށް ނުވެއެވެ. ރަގަޅު އެއްވެސް ގޮތެއް ހަމަ ނެތޭވެސް ދެންނެވިދާނެއެވެ. ހައްގު ހޯދައިދިނުމުގެ ނިޔަތުގައި، ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވައި ދިނެވެ. ސިޔާސީ މީހުން ރުއްސަން، ކެމްޕެއިންކުރަން ރަށްރަށަށް ދިއުމުގެ ފުރުސަތާއި، ބައްޔަށް ފައްސިވެފައި ތިބި މީހުނަށް ވޯޓުލާން ދިޔުމުގެ ފުރުސަތުގެ އިތުރުން ވޯޓުލާން ކަރަންޓީނު ނުވެ ރަށަށް ދެވުމުގެ ފުރުސަތު ލިބުމުން އެތަށް ބަޔަކު އެދަތުރުތައް ކުރިއެވެ. ހައްތަހާވެސް ހައްގުތަކެވެ. އެއްވެސް ހައްގެއް ހަނި ވެގެން ވާކަތްނޯވެއެވެ.

ހަމަ މިއާއިއެކު، ދަނޅިވަޅުގެ ބޭނުން ނަހަމަގޮތުގައި ހިފައި، މި ނާޒުކު ދަނޑިވަޅުގައިވެސް އަތުޖެހުނު ތަނަކުން ކޮރަޕްޝަންގެ ނުބައި އަމަލު ހިންގިމީހުންވެސް ނެތެކޭ ދެންނެވޭކަށް ނެތެވެ. ބައެއް އިންސާނުންގެ އުޞޫލަކީ ލިބޭތާ ލިބިގަތުމެވެ. އެ ހޯދަނީ ހަލާލުގޮތުގައިތޯ، ނޫނީ ޙަރާމްގޮތުގައިތޯ ބެލުމަކީ އެމީހުނަށް މުހިއްމު ކަމެއްނޫނެވެ. މިއަކީ ވަކި ފިކުރަކަށްވެގެން، ވަކި ކުލަޔަކަށް ވެގެން އޮތްކަމެއްވެސް ނޫނެވެ. ހަމަ އެންމެންގެވެސް ހާލުހުރި ގޮތެވެ.

މިކަންކަމަށް ކިރިޔާވެސް ހަމްދަރުދީއެއް ވާ ބަޔަކަށް ތިބީ، އިސްސަފުގައި މަސައްކަތް ކުރަމުން މިއަންނަ ސިއްހީ ބޭފުޅުންނެވެ. އެބޭފުޅުން އޭރުވެސް ބުނަމުން ދިޔައީ، ހެޔޮނުވާނެޔޭ، މަގުތަކަށް ނުނިކުންނާށޭ، މާސްކު އަޅާށޭ، ބަލި ފެތުރުން ކުޑަކުރާށޭ، އެނޫނީ، ހޮސްޕިޓަލްތައް ފުރޭނެއޭ، ބަލިވާ މީހުން ބެލޭނެ ގޮތެއް ނުހުންނާނެޔޭ، ލޯމަތީ ބަލަބަލާ ތިއްބާ މަރުވާ މީހުންގެ އަދަދު އިތުރުވާނެޔޭ، މުހިއްމީ ލޯކަލް ކައުންސިލުގެ ވޯޓެއްނޫނޭ، މިހެންގޮސް އެތަށް ކަމަކަށް އޭރުވެސް އެބޭފުޅުން އާދޭސްކުރިއެވެ.

މިވަބާއަކީ، އަދި މިހާތަނަށް ބޭހެއް، ޝިފާއެއް ފެނިފައިވާ ވަބާއެއް ނޫނެވެ. މިއަށް ކިރިޔާވެސް އޮތް އުންމީދަކީ ވެކްސިން ޖެހުމާއި، ހޭލަމޭލަވުން ކުޑަކޮށް ބަލިފެތުރުން މަދުކުރުމެވެ. ނަމަވެސް ކަންވީ ކިހިނެއްތޯއެވެ. ވެކްސިން ނުޖަހަންވެގެން ބޮޑާހޭކި މީހުންގެ އަވައިގައި ޖެހި ގިނަބަޔަކު ތިމާއާއި، ތިމާގެ އާއިލާ ވެކްސިން ނުޖަހަންނިންމިއެވެ. ވެކްސިން ޖަހާ ތަންތަނަށް ދާނޭ މީހަކު ނެތިފައި އެތަނުގައި ވެކްސިން ޖަހައިދޭން ތިބި މީހުން ތިބިތަންވެސް ފެނުނެވެ.

މިހުރިހާ ސަކަރާތެއްގެ ނަތީޖާއަކަށްވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވެގެން ދިއުމެވެ. ބަލި ފެތުރުން ކޮންޓުރޯލުން ނެއްޓިގެން ދިއުމެވެ. މިހާހިސާބުން ދެން ފެންނަންފެށީ، ވެކްސިންޖަހާ ތަންތަނަށްވެސް ބާރު ބޮޑުވާން ފެށިތަނެވެ. އެތަންތަނުގައި ކިޔޫ ލައިން ދިގުވެގެން ގޮސް ލޮލުގެ ކޮޅަށް ދަމާލެވިފައިވީ ތަނެވެ. ދެން ކަންވީ އެކަން ކޮށްދޭން ތިބި މީހުނަށް ރަގަޅަށް އެކަންވެސް ކޮށްނުދެވެޔޭ ކިޔައި، އެތަނުގައިވެސް މާރާމާރީ ހިންގައި، މުޒާހަރާ ކުރަން އެތަށްހާސް ބަޔަކު އެއްތަނަކަށް ޖަމާވުމެވެ. ގައިދުރު ކުރެމެއް މާސްކެއް އެޅުމެއް ނެތެވެ. ސަރުކާރަށް ޖެއްސުމަކަށެވެ. ދެން ވާނީ ކިހިނެއްތޯއެވެ.

މިހާރު މިއޮތީ ހާލަތު ބަދަލުވެފައެވެ. މިހާރު މިއޮތީ ހިތްފަޅައިގެން ދާ ވަރުގެ ހާލަތެކެވެ. އެންމެންގެ ޝަކުވާތައް އޮހެނީއެވެ. އެމީހަކު ކުށްވެރިކުރަން ބޭނުންވާ މިންވަރަށް ބޭނުންވާ ބަޔަކާއި ދެކޮޅަށް ހުއްޖަތް ދައްކަން ފެށީއެވެ. މިއީ ދިވެހިންނެވެ. ހޮސްޕިޓަލްތައް ފުރޭނެޔޭ ބުނަމުން އައި އައުން، ހަގީގަތަކަށް ވެއްޖެއެވެ. އެތަނުގައި ފަރުވާދޭން ތިބި މީހުން ގޮތްހުސްވެއްޖެއެވެ. ވަރުބަލި ވެއްޖެއެވެ. އެއް ބަލިމީހަކު ރޮއެގަތީމާ އޭނަ ކައިރިއަށް ދާތަނުން، އަނެއް މީހާގެ ހާލު މާދަށްވެގެން ދާންޖެހެނީއެވެ. ބަލަ ބަލާ ތިއްބާ ބަލި އެނދުގައި އޮންނަ މީހާ މަރުވަނީއެވެ. އަދިވެސް، މިހާލަތުގައި މިބަލަނީ އެކަކު އަނެކަކަށް އިލްޒާމެއް އެޅުވޭތޯއެވެ. ތުހުމަތެއް ކުރެވޭތޯއެވެ. ހެޔޮނުވާނެޔޭ، ގޮތްދޫކޮށްލާފައި، އިންސާނިއްޔަތުކަން އިސްކުރަމާ ހިނގާށޭ! ސިއްޙީ ބޭފުޅުންގެ އަޑުއަހައި އެންމެން އެކީ މަސައްކަތް ކޮށްގެން މިކަމުން ސަލާމަތްވަމާ ހިނގާ!، މިބަލި މަޑުކަމަކީ ވަކިމީހަކު ގެނައި ބަލިމަޑު ކަމެއްނޫންކަން ދަނެގަނެ، އިލާހީ ހަޒުރަތަށް ވާއްގަށް އެދެމާ! ޚާލިގުވަންތަ ﷲއަށް ދުޢާ ދެންނެވުން ގިނަކުރަމާ ހިނގާ! އެކަލާނގެ އެއްވެސް މީހަކަށް ނުއުފުއްލޭވަރުގެ މުސީބާތެއް އެމީހަކަށް ނުޖައްސަވާނެކަން ގަބޫލުކޮށް، އީމާންތެރިވަމާ ހިނގާ! އިންސާނާގެ އެންމެ މުހިއްމު އެއް ސިފައަކީ އޭނާގެ، އިންސާނިއްޔަތު ކަމާއި، އީމާންތެރިކަމާ، އަދުލުވެރިކަން، އެހެންކަމުން، ދީނުގައި އަންގަވާފައިވާ ފަދައިން، އެއް އިންސާނަކު އަނެއް އިންސާނާއަށް އެހީވަމާހިނގާށެވެ. މިބަލިމަޑުކަމުންވެސް އަރައިގަންނާނެއެ. މިދުވަސްވެސް ހިނގައިދާނެއެވެ.