ފުވައްމުލަކުގައި ޕީސީއާރު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންނަ ޖުލައި މަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ
ހެލްތު އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ކޮވިޑު19އިގެ ތަފާސް ހިސާބުތަކާއި، ޚާއްސަ އެންގުންތައް އަދި ސަރުކާރުން ނިންމާފައިވާ ނިންމުންތައް ހިއްސާކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބުރޫކު ވިދާޅުވީ އިއްޔެ އެހެން ނުދެއްވި އޮތަސް އެކަން ހަމަޖެހިފައިވާ ކަމުގައެވެ. އެހެންކަމުން މިހާރު ޕީސީއާރު މެޝިން ބެހެއްޓުމަށް ހަމަޖެހިފައިމިވާ ރަށްތައް، ގދ،ލ،ޅ،ރ އދި ޏ ފުވައްމުލައް ސިޓީއެވެ.
ފުވައްމުލައް ސިޓީގައި ޕީސީއާރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަބްރޫކު ވިދާޅުވީ އެ ސިޓީއިން ޕީސީއާރް ޓެސްޓް ހެދެންނެތުމުގެ ސަބަބުން ރަށުން ނެގޭ ކޮވިޑު19އިގެ ސުންކުތަކުގެ ނަތީޖާ ނުލިބި ލަސްވެ، ރަށުގައި ބަލިފެތުރުން އިތުރުވަމުންދާތީ، ރައްޔިތުންގެ މާޔޫސްކަން އިންތިހާޔަށް ގޮސް، ސޯޝަލްމީޑިއާގެ އިތުރުން ރައީސްއޮފީސް އަދި ކަމާއިބެހޭ އެހެން މުއައްސަސާތަކުގައި ، ކަންބޮޑުވުމާއި، ޝަކުވާ އުފުލަމުންދާ ދަނޑިވަޅެއްގައެވެ
މިއަދުގެ ޕްރެސްގައި މައުލޫމާތު ދެއްވަމުން މަބުރޫކު ވިދާޅުވީ، ގުރޭޓާރ މާލެ ސަރަހައްދާއި، މާލެ ސަރަހައްދުގައި ބަލި ފެތުރެމުންދާ މިންވަރު އިތުރަށް ހިފެހެއްޓުމުގެ ގޮތުން 26 މެއި 2021 އިން ފެށިގެން ދެހަފުތާގެ ނިޔަލަށް ކާފިޔު ގަޑި އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ، އެގޮތުން ގަޑި އިތުރުކުރީ، ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް ކަމުގައެވެ.
މިއެންގުމާއި އެކު މިހާރުގެ ކާފިއު ގަޑީގެ ގޮތުގައި ހަމަޖެހިފައިވާ ހަވީރު 4:00 އިން ފަތިހު 4:00 އަށް އޮތް ގަޑިމިވަނީ ބަދަލުވެފައެވެ. އަދި ހަމަ މިއާއިއެކު ކާފިއުގަޑި ނޫން އެހެން ގަޑިތަކުގައި ގެއިން ބޭރަށް ނިކުމެ އުޅުން އިތުރަށް ހިފެހެއްޓުމުގެ ގޮތުންވެސް މިވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަމުގައިވެސް މަބުރޫކު ވިދާޅުވިއެވެ.
އެގޮތުން ގެއިން ނިކުތުމަށް ރެސިޑެންޝަލް ޕާމިޓެއް ދޫކުރެވޭނެ ކަމަށާއި، ގެއިން ނިކުމެ އުޅޭ ވަގުތުތަކުގައި މި ޕާމިޓު އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި ޕާމިޓު ދޫކުރެވޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި، އެއް ޕާމިޓަކީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ދެވޭ އެއްޗެއް ކަމަށާއި، އަނެއް ޕާމިޓަކީ މެންދުރު 12:00 އިން ހަވީރު 4:00 ދެވޭ ޕާމިޓެއްކަމަށެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށްވެސް ދެ ޕާމިޓު ލިބިގެން ދާނެކަމަށެވެ. މިހާރު އެޅިފައި ހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއު ގަޑިތަކުގައި ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓުފަދަ ތަންތަން ހުޅުވައިގެން ޚިދުމަތްދޭކަން ކަށަވަރު ވެއްޖެނަމަ -/5000 އިން ޖޫރިމައިނާ ކުރެވޭނެ ވާހަކަވެސް މި ޕްރެސްގައި ވަނީ މަބުރޫކު ވިދާޅުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 11 ފަރާތެއް އައިސީޔޫގައި ތިބި ކަމަށާއި، 5 ފަރާތެއް ވެންޓިލޭޓަރަށް ލެވިފައިވާ ކަމަށާއި،މުޅިއެކު 75 ރަށެއް މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ. މިހާތަނަށް 135 މީހަކު ނިޔާވެފައިވާ އިރު 290 މީހަކަށް އަންނަނީ ހޮސްޕިޓަލައިޒުކޮށްގެން ފަރުވާ ދެމުންނެވެ.
މި ޕްރެސްގައި މައުލޫމާތު ދެއްވަމުން ޑރ އަފުޒަލް ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑުބަލީގައި ރާއްޖެއިން މިހާތަނަށް 135 މީހަކު ވަނީ ނިޔާވެފައެވެ. މަރުވެފައިވާއިރު ރާއްޖެއިން މިހާތަނަށް މަރުވަމުންދާ މީހުންނަކީ، އާންމުކޮށް ދާއިމީ ބަލިތަކަށް ބޭސްކުރަމުންދާ ފަރާތްތައް ކަން ފާހަނގަވާ ކަމަށެވެ. މީގެ އިތުރުން، މަރުވާގިނަ މީހުންނަކީވެސް ވެކްސިން ނުޖަހާތިބި މީހުންކަންވެސް ފާހަގަ ކުރެއްވިއެވެ. އަފުޒަލް އިތުރަށް ވިދާޅުވި ގޮތުގައި، ކުރިންވެސް ދަންނަވަމުން ދާފަދައިން މިބައްޔަށް އޮތް އެންމެ ބޮޑު އެއްފަރުވާއަކީ ވެކްސިންޖެހުން ކަމަށެވެ.
މިބައްޔަކީ ވަރަށް އަވަހަށް، ކުއްލިއަކަށް ނޭގިތިއްބާ މީހާ ހާލު ދަށްކޮށްލައި، ސީރިއަސް ހާލަތަކަށް މީހާގެންގޮސްދޭ ބައްޔެއްކަމަށް ފާހަގަވެފައިވާ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި މިހާރުމިވަނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ސުންކުނަގާ އުސޫލަށްވެސް ބަދަލުގެނެސްފައެވެ. އެގޮތުން މިހާރު ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ބަލަނީ، އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެއް އަހަރުންދަށުގެ ކުޑަ ކުދިންނެވެ. ރާއްޖޭގައި އޯވާރއޯލް ރިސްކު ރޭޓު ވަރަށްހައި ކަމަށް ޑޮކުޓާރު ފާހަގަ ކުރެއްވިއެވެ.