ރާއްޖޭގެ ސިއްޙީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރާވަރުގެ ހިދުމަތަކަށް ހައްދަވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޕީސީއާރް ޓެސްޓް ހެދުމަށް ދަރަވަންދޫގެ ޞިއްޙީ މަރުކަޒުގައި ޤާއިމް ކުރި ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅާ އެއްގޮތަށް އާބާދީ ކުޑައެއް ބޮޑެއް ބެލުމެއް ނެތި ހަމަހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ފެންނަމުން ދާ ކަމަށެވެ. އަދި ސިއްހީ ދާއިރާ ކުރިއެރުވުމުގައި ސަރުކާރަށް ކައުންސިލްތަކާއި ރައްޔިތުންގެ އެއްބާރުލުން ދެއްވައިފިނަމަ އެކަންކަން ކުރަން އެއްވެސް ދައްޗެއް ނެތްކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދަރަވަންދޫ ސިއްހީ މަރުކަޒުގައި ގާއިމުކުރެވުނު ލެބޯޓަރީ އަކީ ބ. އަތޮޅުގެ ދެ ރިސޯޓަކުން އެ ރަށު ކައުންސިލާއި ގުޅިގެން ގާއިމުކުރި ލެބޯޓަރީ އެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވޭނީ ޕްރައިވެޓް ސެކްޓަރތަކުގެ އެއްބާރުލުންވެސް ސަރުކާރަށް ލިބިގެން ކަމުގައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ޕްރައިވެޓް ސެކްޓަރތަކުގެ އެހީތެރިކަމާއެކު އަތޮޅު ތަކުގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނަމަ ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ޞިއްޙީ ޚިދުމަތް ހޯދުމަށް ކުރާ ހޭދަކުޑަވެގެން ދާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިވަގުތު ބ.އަތޮޅު ހޮސްޕިޓަލުގައިވެސް ކޮވިޑް-19 އަށް ޓެސްޓު ހެއްދޭއިރު ދަރަވަންދޫ ސިއްހީ މަރުކަޒުން ޓެސްޓު ހެއްދޭނެ ގޮތް މަގުފަހިވުމަކީ އެ އަތޮޅު ފަދަ ރިސޯޓުތައް އަދި ގެސްޓްހައުސް ތައް ގިނަ އަތޮޅަކަށް ލިބިގެން ދިޔަ ލުއިފަސޭހަ ކަމެއް ކަމަށް އެ އަތޮޅުގެ ރައްޔިތުން ދެކެއެވެ.