English Edition
Dhivehi Edition

ގައުމީ އެއަރލައިންގެ ދަތުރުތައް އަނެއްކާވެސް ދަރަވަންދޫ އަށް ފަށަން ނިންމާފައިވާ ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ ޖޫން 15 އިން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދަރަވަންދޫއަށް މޯލްޑިވިއަން އިން ދަތުރު ޝެޑިއުލްކުރާނެ ކަމަށެވެ.

ފުރަތަމަ ފަށާ އިރު ދަތުރުތައް ކުރާނީ ޚާއްސަ ފެއާއެއްގައި ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

އެ އެއަރލައިނުން މީގެ ކުރިން ވެސް ދަތުރުކުރިއެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު މަންޓާ އެއަރގެ ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަން އިން ދަރަވަންދޫއަށް ކުރަމުން އައި ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއަރލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ.

ގައުމީ އެއަރލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށާފައެވެ.