English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެ މިދިޔަ ހަފްތާއެއް ތެރޭގައި ޖުމުލަ 5 މީހުން ނިޔާވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ރޭ ވެސް އުމުރުން 72 އަހަރުގެ ދިވެއްސަކު ނިޔާވެފައިވާއިރު މިއީ މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވި 45 ވަނަ މީހާއެވެ. މި މީހާއާއި އެކު ފާއިތުވި 11 ދުވަސްތެރޭގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން 7 މީހަކު ވަނީ ނިޔާވެފައެވެ.

މީހުން މި ބަލީގައި ނިޔާވާ އަދަދު އިތުރުވަމުން އަންނަ އިރު އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރޭ ވިދާޅުވެފައިވާ ގޮތުގައި ނިޔާވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ ނިސްބަތުން ރާއްޖޭގައި މި ބަލީގެ ހާލަތު އޮތް މިންވަރު އަންގައި ނުދޭ ކަމަށެވެ. މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ރާއްޖޭގައި މިބަލީގައި ނިޔާވެފައިވާ ގިނަ މީހުންނަކީ ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހުން ކަމަށާއި އެމީހުންނަކީ ބަލީގެ ރިސްކު ބޮޑު މީހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް 31 ދިވެހިންނާއި 79 ބިދޭސީން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސިވެފައެވެ. މިއީ ފާއިތުވި ދެމަސް ދުވަސް ތެރޭގައި ރާއްޖެއިން މި ބައްޔަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިއަދަދާއި އެކު މިހާތަނަށް ރާއްޖެއިން 12,314 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 11،316 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހަކު ތިބިއިރު ހޮސްޕިޓަލްތަކުގައި 59 މީހަކު އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.