ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ޚާއްޞަ ޤައުމީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށައި، މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެއްގެ ގޮތުގައި ވާޗުއަލްކޮށް ކަމަށެވެ.
މި މުބާރާތުގައި އޮންނާނީ ދެ ކެޓަގަރީއެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގު) އާއި ޙަދަރުކޮށް (ކުރު ރާގު) އެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ބުރަކަށެވެ. އެއީ އޮޑިޝަންގެ ބުރާއި، ފައިނަލް ބުރެވެ.
އެގޮތުން އޮޑިޝަންގެ ބުރު ކުރިއަށް ދާނީ 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 އިން 2020 ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށާއި، ފައިނަލް ބުރު ކުރިއަށް ދާނީ 2020 ޑިސެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 8:00 އިން 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި މުބާރާތުގައި ހަތް ޢުމުރުފުރާއެއް ހިމެނޭނެއެވެ. އެއީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، 21 އަހަރުން ދަށް އަދި 21 އަހަރުން މަތިއެވެ. މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2020 އަށެވެ
މި މުބާރާތުގައި ރަޖިސްޓްރީވުމާއި އޮޑިޝަނުގެ ވީޑިޔޯ އަޕްލޯޑު ކުރުން ކުރިޔަށް ދާނީ މި މުބާރާތަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް، 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 އިން 2020 ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މުބާރާތަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލްއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެއެވެ. މުބާރާތުގައި ބައިވެރިވިކަމަށް ބެލެވޭނީ ކެންޑިޑޭޓު ރަޖިސްޓްރީ ވިކަމުގެ މެސެޖު ކެންޑިޑޭޓަށް ލިބުމުންނެވެ.