ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 25 ނޮވެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
އެ މަސައްކަތަށް ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ބީލަން ފޮތް ލިބޭނީ 22 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު އެ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.
އެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 15 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްގެން ސާފުކުރެވޭނެއެވެ.