ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ޖެހޭވައި އިބްރާހީމް ޝަހީބާއި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މާފަންނު ޒީނާ ޝިރުޒިމަތު ސަމީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރެވެ. މި މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އަދި އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަޤާމާއި، ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ހަމަ އެއާއެކު ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނަރ އޮފް މޯލްޑިވްސް ގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަރޑީޒް ހާސިލުކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އަދި އެ ކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމު ވެސް ފުރުއްވާފައެވެ.
ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަންކުރެއްވި ޢާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެ ކަމަނާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.