މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:00 އިން 19:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދުގެ 10:00 އިން މާދަމާގެ 10:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް އަތޮޅުތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގާ ކަމަށެވެ.