އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން ކުރިއަށް ގެންދާ ‘އެމްއީސީ ބަދަހިކަޕް’ ގައި އިއްޔެ ހަވީރު ފެނަކައާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ބައްދަލުކުރި މެޗް ބޮޑު ތަފާތަކުން އޭއެފްސީ ކުރި ހޯދައިފިއެވެ.
މީދޫ ސްޕޯޓްސް އެރީނާގައި އިއްޔެ ހަވީރު އެންމެ ފުރަތަމަ ބައްދަލުކުރީ އެސްޓީއޯ ފާމަސީ އާއި ހުޅުދޫ ޔޫތް ޓީމެވެ. މި މެޗް 17 ޝޫޓް 13 ޝޫޓް އިން ކުރި ހޯދާފައިވަނީ ހުޅުދޫ ޔޫތް ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ ޔޫތް ޓީމުގެ ޖީޑީ އަމީޝާ ސަލާމެވެ.
ހަވީރުގެ ދެވަނަ މެޗްގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އާއި ފެނަކަ ބައްދަލުކޮށް ތަފާތު ބޮޑުކޮށް ކުރި ހޯދާފައިވާ އިރު މި މެޗްގައި ފެނަކައަށް ކާމިޔާބު ކުރެވިފައިވަނީ 8 ޝޫޓެވެ. އަދި އޭއެފްސީން ވަނީ 33 ޝޫޓް ކާމިޔާބުކޮށް މި މެޗުން ކުރި ހޯދާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭއެފްސީ ގެ ސީ ޝަޖަން އިސްމާއީލެވެ.
ރޭގެ ފުރަތަމަ މެޗް ގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ ހުދުހުދު ޓީމާއި އެސްޓީއޯގެ 164 ޓީމު ނަމަވެސް ކުޅެން ހަމަޖެހިފައިވާ ގަޑިއަށް އެސްޓީއޯގެ ޓީމަށް ދަނޑަށް ހާޒިރު ނުވެވުމުން 3 ޕޮއިންޓާއި 5 ޝޫޓާ އެކު ހުދުހުދު ޓީމަށް މެޗް ވަނީ ލިބިފައެވެ.
މި މުބާރާތުގައި ރޭ ދެން ބައްދަލުކުރީ އެމްޕީއެލް އާއި ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބާއި ޓީމެވެ، ފޯރިގަދަ ކުޅުމަކަށް ފަހު 29- 18 ގެ ތަފާތަކުން މި މެޗް ކާމިޔާބު ކޮށްފައިވަނީ ޕޮލިސް ޓީމުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސްޓީމުގެ ޖީއެސް ފާތިމަތު ރިޝާއެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ މި މުބާރާތުގެ ގުރޫޕް މެޗްތައް ނިމޭނީ ނޮވެމްބަރު 15 ވަނަ ދުވަހުގައެވެ. ދެ ގުރޫޕަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 09 މުއައްސަސާއަކުންވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން އޭ ގުރޫޕްގައި ހުޅުދޫ ޔޫތް، އެސްޓިއޯ164، އެސްޓިއޯ ފާމަސީ، އެސްޓީއެލް ގެ އިތުރުން ހުދުހުދު ހިމެނިފައިވާއިރު ބީ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އޭއެފްސީ، ފެނަކަ، އެމްޕީއެލް އަދި ހުޅުމީދޫ ޕޮލިސް ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ އެވެ.