English Edition
Dhivehi Edition
ރޭގެ މެޗަށްފަހު ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ.ކޮމް

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅެވުނު ޕްލޭ-އޮފް މެޗުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ސާބިއާ ބަލިކޮށް ހޯދީ ތާރީޚީ މޮޅާއެކު، 23 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޮޓްލެންޑުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވެއްޖެއެވެ.

ސްކޮޓްލެންޑުން އެންމެ ފަހުން ކުޅުނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ފީފާ ވޯލްޑްކަޕް އެވެ. އޭގެފަހުން ކުޅެވިދިޔަ 10 މުބާރާތަށް (ފަސް ޔޫރޯ އާއި ފަސް ވޯލްޑްކަޕް) ސްކޮޓްލެންޑް ކޮލިފައިނުވެއެވެ. އެ ޓީމު ވަނީ އޭގެކުރީން ކުޅެވުނު 1996 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ވާދަކޮށްފައެވެ.

ކުރިން މި އަހަރުގެ ޖޫން އަދި ޖުލައި މަހުގައި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ރޭވިފައި އޮތް ޔޫރޯ، ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސް ކުރެވިގެންދިޔައިރު ރޭގެ މެޗު ކާމިޔާބުކުރުމާއެކު ސްކޮޓްލެންޑުން އެ މުބާރާތުގައި ވާދަކުރާނީ އިންގްލެންޑާއި ޗެކް ރިޕަބްލިކްގެ އިތުރުން އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އާއެކު ގްރޫޕް ޑީ ގައެވެ.

ބެލްގްރޭޑްގައި ހުންނަ ރެޑް ސްޓާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މެޗުގެ ކުރީބައިގައި މޮޅަށް ކުޅުނީ ސްކޮޓްލެންޑުންނެވެ. އޭގެނަތީޖާއެއްގެ ގޮތުން، މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ސްކޮޓްލެންޑުން ލީޑްނެގީ ރަޔާން ކްރިސްޓީ ކާމިޔާބުކުރި ގޯލުންނެވެ.

އުތުރު މެސެޑޯނިއާގެ ގޯރަން ޕަންޑޭވް (ވ) އަތުން ބޯޅަ ހޯދަން ޖޯޖިއާގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

އޭގެކުރީން، ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން އާއި އެސްޓަން ވިލާގެ ޖޯން މެކްގިން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ރޭގެ މެޗުގައި ސާބިއާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި ފިލިޕް މުލަޑެނޮވިޗް ދިން ބޯޅައަކުން ލުކާ ޔޮވިޗް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުމުން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އޭގެކުރީން، މެޗުގެ އިތުރުވަގުތުގައި ސާބިއާގެ ނިމެންޔާ ގުޑެލް އަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ގޯލާއި ގާތްގަނޑަކަށް 25 މީޓަރު ދުރުން ގުޑެލް ފޮނުވާލި ބޯޅަ ސްކޮޓްލެންޑްގެ ގޯލްކީޕަރު ޑޭވިޑް މާޝަލް މަތަކުރިއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ސާބިއާގެ އަލެކްސެންޑަ މިޓްރޮވިޗް އަތުން އެކަންޏެވެ. ސާބިއާގެ ފަސްވަނަ ޕެނަލްޓީ ފުލަމް އަށް ކުޅެމުން އަންނަ ފޯވާޑް މިޓްރޮވިޗް ފޮނުވާލުމުން ސްކޮޓްލެންޑްގެ ކީޕަރު މާޝަލް މަތަކުރިއެވެ. އޭގެކުރީން، ސާބިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔޮވިޗް އާއި ޑޫސަން ޓަޑިޗްގެ އިތުރުން ނިމެންޔާ ގުޑެލް އަދި އަލެކްސެންޑާ ކަޓާއި އެވެ. ސްކޮޓްލެންޑުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ލެއީ ގްރިފިޓްސް، ކެލުމް މެކްގްރެގާ، ސްކޮޓް މެކްޓޮމިނޭ، އޮލިވާ މެކްބާނީ އަދި ކެނީ މެކްކްލީން އެވެ.

ކޮލިފައިންގައި ޕްލޭ-އޮފް މެދުވެރިކޮށް ދެން ޔޫރޯ އިން ޖާގަ ހޯދި ޓީމުތަކަކީ ހަންގޭރީ އާއި ސްލޮވޭކިއާ އަދި އުތުރު މެސެޑޯނިއާ އެވެ. އައިސްލެންޑް އަތުން 2-1 އިން ހަންގޭރީ މޮޅުވިއިރު، އުތުރު އަޔާލެންޑްގެ ދަނޑުގައި ސްލޮވޭކިއާ މޮޅުވީ ވެސް ހަމަ މި ނަތީޖާއިންނެވެ. މީގެއިތުރުން، ޖޯޖިއާގެ ދަނޑުގައި ތަޖުރިބާކާރު ފޯވާޑް ގޯރަން ޕަންޑޭވް ކާމިޔާބުކުރި ތާޜީޚީ ގޯލާއެކު ފުރަތަމަ ފަހަރަށް އުތުރު މެސެޑޯނިއާ ވަނީ ބޮޑު މުބާރާތަކަށް ކޮލިފައިވެފައެވެ.