ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ރޭ އަމިއްލަ ދަނޑުގައި އެންޑޯރާ އަތުން 7-0 އިން ޕޯޗުގަލް މޮޅުވިއިރު، އިޓަލީގެ ދަނޑުގައި އެ ޓީމު ވަނީ 4-0 އިން އެސްޓޯނިއާ ބަލިކޮށްފައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ކުރިއަށް އޮތް ފްރާންސް މެޗުގެ ކުރީން ކުޅުންތެރިންނަށް ރެސްޓްދިނުމުގެ ގޮތުން ޕޯޗުގަލް ޓީމުން ރޭގެ މެޗަށް ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން، އޮލިމްޕިކް ލިޔޯންގެ ކީޕަރު އެންތަނީ ލޮޕޭސް ރޭގެ މެޗުގައި އެ ޓީމުގެ ގޯލްބެލެހެއްޓިއިރު، ބްރާގާގެ ޕައުލީނިއޯ އާއި ވުލްވްސްގެ ޕެޑްރޯ ނެޓޯ އަށް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަދީފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑްލައިންގައި ދެން ހިމެނުނީ ބާސެލޯނާގެ ފްރާންސިސްކޯ ޓްރިންކާއޯ އެވެ.
ލިޒްބަންގެ އެސްޓާޑިއޯ ޑަ ލުޒްގައި ދުނިޔޭގެ ރޭންކިންގައި ޕޯޗުގަލް ޓީމަށްވުރެ 127 ދަރަޖަ ދަށުގައި އޮތް އެންޑޯރާއާ ދެކޮޅަށް ރޭ ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ނެޓޯ ވަނީ ޕޯޗުގަލް އަށް ލީޑްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ޕައުލީނިއޯ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ފްރާންސްގެ ލިއްލޭގައި މޮޅުކުޅުމެއްދައްކަމުން އަންނަ ރެނާޓޯ ސަންޗޭސް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ޕައުލީނިއޯ ވަނީ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މި މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ފަސްވަނަ ގޯލަކީ އެންޑޯރާގެ އެމިލީ ގާސިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފަހު ފަސް މިނެޓުތެރޭގައި މި ހާފުގައި ކުޅެން ނިކުތް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔާއޯ ފެލިކްސްގެ ލަނޑުތަކުން އެ ޓީމުން މެޗު ކާމިޔާބުކުރީ 7-0 އިންނެވެ.
މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ 102 ގޯލް ޖަހައި، މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީގެން އީރާންގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކުރަން ހަތް ގޯލާ ގާތަށް ޖެހިލާފައެވެ. އަލީ ދާއީ ވަނީ އީރާން ގައުމީ ޓީމަށް 109 ގޯލު ޖަހާފައެވެ.
ފިއޮރެންޓީނާގެ ދަނޑުގައި އެސްޓޯނިއާ އާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުޖަހާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ފްރައިބާގަށް ކުޅެމުން އަންނަ ވިންޗެންޒޯ ގްރީފޯގެ ގޯލުން ލީޑްނަގާފައިވާއިރު، ދެވަނަ ލަނޑުޖަހައިދިނީ ޔުވެންޓަސްގެ ފެޑެރީކޯ ބާނަޑެސްކީ އެވެ. ފަހު ހާފުގައި ލިބުނު ފުރަތަމަ ޕެނަލްޓީން ގްރީފޯ އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައިވާއިރު، މެޗުގެ ފަހުވަގުތު ރިކޯޑާ އޯސޮލީނީ ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.
ރޭ ތުރުކީ ވަނީ ކްރޮއޭޝިއާއާ 3-3 އިން އެއްވަރުކޮށްފައެވެ. ސެންކް ޓޮސަން 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތުރުކީ އަށް ކުރިހޯދައިދީފައިވަނިކޮށް ކްރޮއޭޝިއާ އިން އެންޓޭ ބުޑިމިރް ވަނީ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޑެނިސް ޓުރުޗް ވަނީ ތުރުކީ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. ދެވަނަ ހާފުގެ ފަސް މިނެޓުގެ ތެރޭގައި، މާރިއޯ ޕަސަލިޗް އާއި ޖޮސިޕް ބްރެކަލޯ ކާމިޔާބުކުރި ލަނޑުތަކުން ކްރޮއޭޝިއާ ފުރަތަމަ ފަހަރަށް ލީޑްނަގާފައިވަނިކޮށް، ތުރުކީ އަށް އެއްވަރުކޮށްދިނީ ލެސްޓާ ސިޓީގެ ވިންގާ ޗެންގީޒް އުންޑާ އެވެ.
ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލޫކާ ވާލްޑްޝްމިޑްގެ ގޯލާއެކު ޖަރުމަނުން ވަނީ 1-0 އިން ޗެކްރިޕަބްލިކް ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލަސްގެ ފޯވާޑް މިޝީ ބަޓްޝުއާޔީގެ ދެލަނޑުން ސްވިޒަލެންޑްގެ މައްޗަށް ބެލްޖިއަމް 2-1 އިން ކުރިހޯދިއިރު، ޕޮލެންޑުން ވަނީ 2-0 އިން ޔޫކްރޭން ބަލިކޮށްފައެވެ.