English Edition
Dhivehi Edition

މިދިޔަ މާޗް މަހުންފެށިގެން ކިޔެވުން ހުއްޓާލާފައި އޮތުމަށްފަހު ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ގެ ކިޔެވުން އާދީއްތަ ދުވަހު ފަށަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހިނގާ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް އެ މިނިސްޓްރީ އިން ނިންމާފައިވާކަމަށެވެ. ސްކޫލްތަކުންވެސް ވަނީ މިކަމަށް އިޖާބަދީ ކުދިންނަށް ސްކޫލް ހުޅުވޭނެ ކަން މިހާރު އަންގާފައެވެ.

ކޮވިޑް 19 ގެ މިޙާލަތާއެކު ތުއްތު ޢުމުރުގެ ކުދިން މާޗް މަހުން ފެށިގެން ސްކޫލަށް ނުފޮނުވިކަމުގައިވިޔަސް އަތޮޅުތަކުގައި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12އާއި ހަމަޔަށް ކިޔަވައިދެމުންދެއެވެ. ކޮވިޑް 19 ވައިރަސް އެންމެ ބޮޑަށް ފެތުރުނު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ކިޔަވައިދެނީ ގްރޭޑް 7 އިން ފެށިގެން 12 އާއި ހަމަޔަށެވެ.

މިމުއްދަތުގެ ތެރޭ އޮންލައިންކޮށް ވައިބަރ އަދި ޒޫމް އާއި ޓެލިކިލާސްތައް މެދުނުކެޑި އެކި ގްރޭޑްތަކަށް ޚާއްސަ ކޮށްގެން ކުރިއަށްގެންދެވެއެވެ. އަލަށް ޢާއްމު ކުރި ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރ 3 ގައެވެ. ދެވަނަ ޓާމްގެ ކިޔެވުން ޖެނުއަރީ 10 ގައި ފަށާގޮތަށް ހަމަޖެހިފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކުގެ އިސްވެރިންނާ ހިއްސާކޮށްފައިވާ ޓެންޓޭޓިވް ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރު މަހު ގެތެރޭގައެވެ.

މި އަހަރުގެ ކިޔެވުން ނިންމާ ޗުއްޓީ އަށް ދާނީ މޭ/ޖޫން ގައި އޭލެވެލް އަދި އޯލެވެލް އިމްތިހާނު ނިމުމުން ކަމަށް އެޑިއުކޭޝަނުންވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އާއި ގުޅިގެން މިއަހަރުގެ މާޗް މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިއޮތުމުގެ ސަބަބުން ސިލަބަސް ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންވާނެތީ އެހެން އަހަރުތަކާ ޚިލާފަށް ދިރާސީ އާއަހަރާއި ބޮޑު ޗުއްޓީއަށް މިވަނީ ބަދަލު އައިސްފައެވެ.