English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

މަލިކަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށާއި މިދޭތެރޭ ފެރީއެއް ބާއްވައި ދިނުމަށް އިންޑިއާގެ ފޮރިން މިނިސްޓަރ ގެ އަރިހުން އެދޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަޙުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ އިންޑިއާގެ ފެރީ ރާއްޖެއަށް އަންނަންޏާ މަލިކާއި މިދޭތެރޭގައިވެސް ފެރީ ބާއްވައިދޭން އެދޭކަމަށާއި އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ ބަޔަކަށްވެފައި މިހާރު މިއޮންނަ ގޮތުން މަލިކަށް ދާނަމަ ވިސާ ނަގަންޖެހޭ ކަމަށާއި މިކަން ބަދަލުކޮށް އިންޑިއާ މީހުންނަށް ރާއްޖެވެސް އާދެވޭ ގޮތަށް ވިސާ ބޯޑަރ ކޮންޓްރޯލް ހުޅުވާލަން ވެއްޖެ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރުވަނީ ސާކު އޮތުމުގެ ބޭނުމާއި ބެހޭގޮތުން ވެސް ސުވާލު އުފައްދަވާ ސާކުގެ އެއް ޤައުމުން އަނެއް ޤައުމަށް ބޯޑަރެއް އޮންނަން ޖެހެނީ ކީއްވެގެންތޯވެސް ސުވާލު ކުރައްވާފައެވެ.

ބަޙުސް މަރްޙަލާގައި ޖާބިރުގެ ވަހަކަފުޅު ކުރިއަށް ގެންދަވަމުން މިސަރުކާރުން އިންޑިއާއާއި އޮންނަ ގުޅުން ބަދަހިކޮށް އެހެން ޤައުމުތައް ފެއަށް ޖައްސާފައިވާތީ ވެސް ވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ރައްދުކުރައްވާފައެވެ. އެގޮތުން އިހަކަށްދުވަހު ފެނިގެން ދިޔައީ ޗައިނާ ޓައުން އެއް ކަމަށާއި މިހާރު މިއީ އިންޑިއާގެ ޓައުނަކަށް ވުމުން މިއީ މިކަން އޮންނަންޖެހޭ ގޮތެއްނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރާއްޖެއަކީ އިންޑިއާގެ އައްސޭރީގައި އޮތް އިންޑިއާގެ އެހީތެރިކަމާއި އުފާވެރިކަމުގައި އަބަދުވެސް ދެމިތިބި ބައެއްކަމުން އިންޑިއާއާއި ވަކި ނުކުރެވޭނެ ކަމަށާއި ހަމައެފަދައިން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓަށް އައި ޗައިނާގެ އިންވެސްޓަރުންނަށްވެސް އިހާނެތިކޮށް ހަދައިގެން ނުވާނެ ކަމުގައި ޖާބިރުވިދާޅުވިއެވެ.

” އަޅުގަނޑުމެން ކީއްވެގެންތޯ ފްރީޓްރޭޑް އެގްރިމެންޓް ތަންފީޒުނުކުރަންވީ؟. ކީއްވެގެންތޯ ނެގޯޝިއޭޓް ނުކުރަންވީ؟ އަޅުގަނޑުމެން މިދައްކަނީ ރާއްޖޭގައި މިހާރު ހުރި ޙާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން އެންމެންނާ ރަޙްމަތްތެރިކަން ބާއްވަން ޖެހޭނެޔޭ. ”

އިއްޔެވަނީ އިމިގްރޭޝަން ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައެވެ. މި އިސްލާޙުގައިވާގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދައަށް މީޓިން ވިސާއަދި ކޯޕަރޭޓް ރެޒިޓެންޓް ވިސާ ވަނީ އިތުރުކޮށްފައެވެ. މިބިލް ތަންފީޒު ވުމުން ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ހިއްސާދާރުން، ޑިރެކްޓަރުން ނުވަތަ ޕާޓްނަރުންނާއި އެ މީހުންގެ އާއިލާތައް ރާއްޖޭގައި ދިގުމުއްދަތަކަށް ތިބެން ފުރުސަތު ފަހިވުމާއެކު ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ކޮންމެ 5 އަހަރަކުން އާކުރާ ގޮތަށް މެރިޖް ވިސާ ދޫކުރެވިގެންދާނެއެވެ.