English Edition
Dhivehi Edition

އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއަޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ތަސައްވުރުގެ ތެރެއިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި، ފެންވަރު ރަނގަޅު އެއަރޕޯޓްތަކެއް ގާއިމު ވެގެންދިއުމަކީ އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިޤްތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް އެ ސަރަހައްދުތަކުގައި ތަނަވަސްވެގެން ދާނެ ކަމަށެވެ.

މީގެ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިންމާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ މަޝްރޫއު ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާ ކޮށްފައިވެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު މިދިޔަ މަހު ވިދާޅުވެފައިވަނީ 2016 ވަނަ އަހަރު ވެސް އެއަރޕޯޓު ތަރައްގީ ކޮށްފައިވަނީ ބޮޑު ލޯނަކާއެކުގައި ކަމަށާއި ލޯނު ނަގައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގައި އާމްދަނީ އިތުރުވާނެހެން މަސައްކަތް ކުރުމަށް ވިސްނާ ކަމަށެވެ.

ތަރައްގީގެ ޕްލޭންގައި ކަންކަމާ ގުޅޭ ގޮތުން ގައިސް ވިދާޅުވެފައިވަނީ މިހާރު ބޭނުން ކުރާ ޓަރމިނަލް ހަމައެކަނި އިންޓަނޭޝަނަލް ޕަސެންޖަރސްއަށް ޚާއްސަ ކުރުމަށްފަހު އިތުރު ޑޮމެސްޓިކް ޓަރމިނަލްއެއް އެޅުމަށް ޕްލޭންގައި ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އައު ޓަވަރެއް ގާއިމް ކޮށް، ފަޔާ ސްޓޭޝަން ވެސް އައު އިމާރާތަކަށް ބަދަލުކުރުން ވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި ހިމެނިފައިވާ ކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުނިން އެއާޕޯޓު ތަރައްގީ ކުރުމަށް ހަވާލުވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.