ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ޓިކްޓޮކް އިން ރާއްޖޭގެ ބައެއް ޓިކްޓޮކް ތަރިންގެ އެކައުންޓު ވަނީ ދާދި ފަހުން ޓިކްޓޮކް އިން ވެރިފައިކޮށްފައެވެ. މިކަމާއި ގުޅިގެން އެންމެ ގިނަ ބައެއް ކުރަމުން ދިޔަ އެއް ޝަކުވާއަކީ ޓިކްޓޮކް އިން ގިނަ ދިވެހިންތަކެއްގެ ލޯބި ހޯދި ފާތިމަތު ޝަޒީލާ، ނުވަތަ އޭނާގެ ސަޕޯޓަރުންގެ ބަހުން ނަމަަ ޓިކްޓޮކް ކުއީންގެ އެކައުންޓް ވެރިފައި ނުވުމެވެ. އެކަމާއި ގުޅުވާ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާގެ ޓިކްޓޮކްތަކަށް ލޯބިކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިއްޔެ އަކީ ޝަޒީލާ އަށް ވެސް އަދި އޭނާގެ ފޭނުންނަށް ވެސް ވަރަށް އުފާވެރި ދުވަހެކެވެ. ޝަޒީލާގެ އެކައުންޓު ވެރިފައިވެ އޭނާގެ އިތުރުން އޭނާގެ ފޭނުންގެ ވެސް ހިތަށް އުފާވެރިކަން ގެނެސްދިން ދުވަހެކެވެ. ޝަޒީލާގެ އެކައުންޓު ވެރިފައިވުމާއިއެކު ގިނަ ބަޔަކު އިތުރު ސުވާލުތަކެއްވެސް އުފެއްދިއެވެ. އޭއޯ ނިއުސް އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޝަޒީލާ ވަނީ މިހާރު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ލުއަރ ސެލޫންގެ މަސައްކަތްތަކަށް ކަމަށްވެސް ބުނެފައެވެ. އެކައުންޓު ވެރިފައި ވުމަށްފަހު އޭނާގެ ފަރާތުން ޓިކްޓޮކް އަށް ކިހާ ވަގުތެއް ހުސްކުރާނެތޯވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
“ކުރިން އިންޓަވިއުގައި ބުނިހެން ހަމަ މިހާރު އަސްލުވެސް ޓިކްޓޮކް ކުޅެން ވަގުތު ނުވަނީ، މަސައްކަތުގެ ގޮތުންވެސް ވަރަށް ބިޒީ، ދެން މެރީ ކުރީމަވެސް ލައިފް ވަރަށް ބިޒީވެއްޖެ. އެކަމަކު އެކައުންޓް ވެރިފައިވީމަ އެބަ ވިސްނަން މިހާރަށް ވުރެން ޓިކްޓޮކް ކަންތަކުގައި ބޮޑަށް އުޅެން. މިވެސް ލައިފްގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.” ޝަޒީލާ ކިޔައިދިނެވެ.
ޝަޒީލާ އިތުރަށް ބުނި ގޮތުގައި މިއީ އޭނާވެސް ވަރަށް ދުވަސްވަންދެން ކުރަމުން އައި އުއްމީދެކެވެ. އެގޮތުން ޓިކްޓޮކް ކުޅެން ފައްޓައިގެން އުޅުނު އިރުވެސް ވަރަށް އެކައުންޓް ވެރިފައިވާނެ ދުވަހަކަށް އިންތިޒާރުކުރިކަމަށް އޭނާ ބުންޏެވެ.
“މިހާރު ދެން އެކައުންޓް ވެރިފައިވީމަ އަސްލު މި ވިސްނަނީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ގިނަ ބަޔަކަށް ފައިދާ ވާނެ ގޮތަކަށް މަސައްކަތް ކުރަން. ހަމައެކަނި މަޖަލަކަށް ކޮށްލާ ކަމެއްގެ ބަދަލުގައި. މިހާރުވެސް ވަރަށް ގިނަ ވިޔަފާރިތައް އަދި ބްރޭންޑް ތަކުން އެބަ ފުރުސަތުލިބޭ ޓިކްޓޮކްތައް މެދުވެރިކޮށް އެމީހުން ޕްރޮމޯޓްކޮށްދޭން.” މިހާރުވެސް އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ގިނަ ވިޔަފާރިތަކެއް ޕްރޮމޯޓް ކުރަމުން އަންނަ ޝަޒީލާ ބުންޏެވެ.
ޝަޒީލާ އިތުރަށް ބުނިގޮތުގައި ޓިކްޓޮކްގެ ސަބަބުން ލިބުނު ކޮންމެ ފުރުސަތަކާއި ކާމިޔާބީއަކީ އޭނާގެ ޓިކްޓޮކްތައް ބަލާ އެއަށް ފާޑުކިޔާ އެންމެންގެ ސަބަބުން އޭނާ އަށް ލިބުނު ފުރުސަތުތަކެކެވެ. އަދި އެކައުންޓް ވެރިފައިވުމުގެ އަސްލަކީވެސް އޭނާގެ ޓިކްޓޮކްތަކަށް ލޯބިކުރާ މީހުންނެވެ. އެގޮތުން އޭނާ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޓިކްޓޮކް ކުއީންގެ އެކައުންޓް ވެރިފައިވުމާއި އެކު އޭނާގެ ވިސްނުންވެސް މިވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. އޭނާގެ ބިޒީ ދިރިއުޅުމުގެ ތެރެއިންވެސް އޭނާ މިވަނީ ޓިކްޓޮކް އަށް އިތުރަށް ވަގުތު ހުސްކޮށް އާންމުންނަށް ގިނަ ޓިކްޓޮކްތަކެއް ގެނެސްދޭނެ ކަމަށް ބުނެފައެވެ. މިއީ އޭނާގެ ޓިކްޓޮކްތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެކެވެ.