މަދިޔެގެ މަކޮއިއާ ދިމާނުވާތާ ވަރަށް ގިނަ ދުވަސްފަހުން ދިމާވިއިރު ހިކި އަނަރޫފަކަމުން ވީ ޢަޖާއިބުގައި މަ ބުނެފީމެވެ. މަކޮއި ހާދާހާ ތުނިވެފައި ރީއްޗެވެ.
ދެކުނު ދާއިރާގެ ކައުންސިލަރު ޕާކުތެރޭ ކަސްރަތު މެޝިނު ބެހެއްޓުމުން ހުރިހާ ފައިދައެއް ކުރަނީ މަކޮއިއަށްތާއެވެ.
މަކޮއި ސުއްބޫހުންއޭ ކިޔާފައި ބުންޏެވެ.ތިމަންނަޔާ ކޮންކަމެއް ހެއްޔެވެ؟ ތިމަންނަ އެންމެ ދުވަހަކު އެއިން މެޝިނަަކަށް އެރުމުން ދެފައި ހުޅު މުޅިން ހަލާކުވެއްޖެއެވެ. އޭގެ ފަހުން ތިމަންނަ ސަލާމެވެ.
އެކަމަކުވެސް ކޮއިގެ ލޫޅާފަތި ހަށިގަނޑު ފެނުމުން އެކަމާ ޒާތެއްގެ ޙަސަދައެއް ވެގެން އެކަމުގެ ސިއްރަކީ ކޮބައިތޯ މައަހާލީމެވެެެ. އޭގެ ޖަވާބުގައި ކޮއި ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. މިދުވަސްކޮޅު އޮޅުއަލައެއް ނުލިބެއެވެ. ކާން މި ލިބެނީ ހަމައެކަނި ގޯތީގައި ހުރި ބަނބުކެޔޮގަހުން ލިބޭ ބަނބުކޭލެކެވެ. އެއިން އެތިކޮޅެއް އެތެރެހައްޓަށް ދާއިރަށް ފާޚާނާއަށް ދާންޖެހިދެއެވެ. އެހެންވީމާ، ކާއެއްޗެއްގެ އަސަރު އެތެރެހައްޓަކަށް ނުކުރާނެ ތާއެވެ.
ކޮއިގެ އަރަތެއް ކަހަލަ މިވާހަކަ އަޑުއިވުމުން ހިތުގައި އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދުނެވެ. އަދި މަ އަހާލީމެވެ. ކޮޔާއެވެ! ކޮޔަށް ކެވެނީ ހަމައެކަނި އަލާއި ބަނބުކެޔޮ ހެއްޔެވެ؟ މިރާއްޖެއަށް ހަނޑުލާއި ހަކުރާއި ފުށްވެސް އެތެރެ ކުރެއެވެ. އެ އެއްޗެހި އަނެއްކާ ހުސްވީ ހެއްޔެވެ؟ މިހެން ހަމަ ބުނާއިރަށް ކޮއި ފާޑެއްގެ ހިނިގަނޑެއް ޖަހާލާފައި ބުނެފިއެވެ. ކާނލޯއެވެ. ރަންކޮޅާއެވެ. މިހާރު ދެން ތިކަހަލަ އެއްޗިއްސަށް އިތުބާރު ކުރަން ހެޔޮވާނެ ހެއްޔެވެ؟ މިހާރު މުޅިންވެސް މި ފެންނަނީ ޕުލާސްޓިކު ހަނޑުލާއި ޕުލާސްޓިކު ފުށާއި ޕުލާސްޓިކު ބިހާ ނުވިތާނކަށް ޕުލާސްޓިކު ކެބެޖެވެ. އެހެންވީމާ، މިހާރު ތިމަން ރާއްޖޭން ބޭރުން އެތެރެ ކުރާ އެއްވެސް އެއްޗަކަށް އިތުބާރެއް ނުކުރަމެވެ. ތިމަންނަ އަމިއްލަ އޮޅުގައި އަލަ ހައްދައިގެން ކެއީމައި ހަމަގައިމުވެސް ތިމަންނައަށް އެއީ ޕުލާސްޓިކު ނޫންކަން ޔަޤީންވާނެތާއެވެ.
އަހަރެން ބުނެފީމެވެ. ކޮޔާއެވެ. މިހާރު ފޭކު ނޫނީ ކޮންއެއްޗެއް ހެއްޔެވެ؟ އަޞްލު އެއްޗެއް ކޮއި ދުށިން ހެއްޔެވެ؟ ނިކަން ބަލާބަލާށެވެ. މީހުން ފޭކެވެ. އެމީހުންގެ ވިސްނުން ފޭކެވެ. އެމީހުން އުފައްދާ ތަކެތި ފޭކެވެ. އެމީހުން ކާ އެއްޗެހިވެސް ފޭކެވެ. ވާހަކަ މިހިސާބަށް ދިޔުމުން ކޮއި ވަރަށް ސީރިއަސް ވެއްޖެއެވެ. އަދި ފުންވިސްނުމެއްގައި ހުރެފައި ބުންޏެވެ. އާނއެކެވެ. ތިއީ ހަމަ ތެދުވާހަކައެކެވެ. ތިމަންނައަށް ވިސްނޭ ގޮތުގައި ތިޔަ ހުރިހާ ކަމަކަށްވުރެން ވެސް ނުބައީ ފޭކު މީހުންނެވެ. ސަބަބަކީ ފޭކު ހަނޑުލާއި ފޭކު ބީހާއި މި އެއްޗެހި ވަކިކުރަން އެނގުނު ނަމަވެސް ފޭކު މީހުން ވަކި ކުރާކަށް ނޭނގޭނެއެވެ. މިފަދަ މީހުންނަކީ އިންސާނިއްޔަތަށް ވެސް ހުރި ބޮޑުބިރެކެވެ.