English Edition
Dhivehi Edition

ކޯޑިންގ އަދި އާރޑީނޯ ދަސްކޮށްދޭ ކޯހެއް އައްޑޫސިޓީގައި ބޭއްވުމަށް ނިންމައި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލްއިސްލާމް އިން އިންތިޒާމްކޮށްގެން ބާއްވާ މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލް ޗުއްޓީއާއި ދިމާކޮށް އަންނަ ޑިސެމްބަރ މަހުގެ ތެރޭގައެވެ. މި ކޯހުގައި ބައިވެރިވުމަށް އެއްވެސް ތަޖުރިބާއެއް ބޭނުން ނުވާނެއެވެ.

މި ކޯހުގައި، އާރޑީނޯގެ އެހީގައި ކޮމްޕިޔުޓަރުން ޕްރޮގްރާމްކުރަން ދަސްކޮށްދިނުމާއި އާރޑީނޯ ބޭނުންކޮށްގެން ތަފާތު އެކި ޕްރޮޖެކްޓްތައް ހަދަން ދަސްކޮށްދިނުން ހިމެނެއެވެ. 11 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުފުރާއަށް، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯހުގެ ފީގެ ގޮތުގައި 2990 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މިކޯހުގެ ކޮންމެ ބައިވެރިއަކަށް ކޯހުގެ ބައިތައް ފުރިހަމައަށް ދަސްކުރުމަށްޓަކައި ހިލޭ އާރޑީނޯ ކިޓެއް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވެއެވެ. މި ކިޓުގައި ކޯހުގައި ބޭނުންވާ ހުރިހާ ސާމާނެއް ހިމެނިފައި ވާނެކަމަށް ކޯސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ.

އާރޑީނޯ އަކީ އިލެކްޓްރޯނިކްސް ޕްރޮޓޯޓައިޕް ކުރުމާއި އުފެއްދުމަށް ބޭނުންކުރާ މައިކްރޯކޮމްޕިއުޓަރ އެކެވެ. އާރޑީނޯގެ އެހީގައި ގޭގައި ބޭނުންކުރާ ބޮކިތަކާއި، ޓީވީ އަދި އޭސީ ފަދަ ތަކެތި ފޯނުން ކޮންޓްރޯލް ކުރުމާއި، ގޭގައި ބޭނުން ކުރެވޭނެ ސެކިއުރިޓީ އެލާމް ސިސްޓަމެއް އުފައްދައި ބެލެހެއްޓުން ފަދަ ކަންކަމާއި، ހައިޑްރޯފޯނިކްސް އާއި އިންކިއުބޭޓަރ ފަދަ ތަކެތި ފަސޭހަކަމާއެކު ހަދާލެވިދާނެއެވެ.

ކޯހުގައި ބައިވެރިވުމަށް ނަންނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ 13 ނޮވްމްބަރ 2020 އެވެ. މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، ބައިވެރިވުމަށް 7335433، މި ނަންބަރަށް ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

 

1 ކޮމެންޓް
އެސްޓާ
ނޮވެމްބަރު 9, 2020
ހިތައްއަރަނީ 1 މަސްދުވަސްތެރޭ ކޯޑްލިޔަން ދަސްވޭތޯ؟ މިހެން މިއަހާލީ އަހަންނަކީ ކޮމްޕިއުޓަރ ލެންގުއޭޖް ދަންނަ މީހަކަށްވާތީ.