English Edition
Dhivehi Edition
ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ނޭޗަރ ޕާރކަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އިއްޔެ އައްޑޫ ނޭޗަރ ޕާރކަށް ޒިޔާރަތްކުރައްވައިފިއެވެ.

އިއްޔެ ހަވީރު ގދ. އަތޮޅު ކައުންސިލްގެ މެންބަރުން ނޭޗަރ ޕާރކަށް ކުރެއްވި އެ ޒިޔާރަތުގައި، މިހާރު އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެސިސްޓެންޓް ޑިރެކްޓަރ، ޢާއިޝަތު ފަރުޙަތު ޢަލީ އާއި ނޭޗަރ ޕާރކްގެ ބައެއް މުވައްޒަފުން ވަނީ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނަށް ނޭޗަރ ޕާރކާއި ގުޅޭ މަޢުލޫމާތު ދެއްވައިފައެވެ. އަދި ރާއްޖޭގެ އެހެނިހެން ރަށްރަށުންވެސް ނޭޗަރ ޕާރކްތައް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ވަނީ ގދ. އަތޮޅުން ނޭޗަރ ޕާރކެއް ޤާއިމްކުރެއްވުމަށް ބޭނުންފުޅުވާނަމަ، އެކަމުގައި އައްޑޫ ނޭޗަރ ޕާރކްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގައި ފަރުހަތު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިއްޔެގެ ޒިޔާރަތުގައި ގދ. އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އައްޑޫ ނޭޗަރ ޕާރކްގެ އެގްޒިބިޝަން އޭރިއާ ބައްލަވާލައްވައިފައެވެ. މިއީ އައްޑޫ ސިޓީން ފެންނަ ދޫނިތަކާއި، އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ މަޢުރަޒެކެވެ.

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އައްޑޫ ނޭޗަރ ޕާރކްގެ ހިމާޔަތްކޮށްފައިވާ “އީދިގަލި ކިޅި” އާއި ކޯއްޓޭ ސަރަޙައްދުގެ އިތުރުން ޒަމާންވީ “ދިއްވާ ފެންގަނޑު”ވެސް ބައްލަވާލައްވައިފައެވެ.

ގދ. އަތޮޅު ކައުންސިލްގެ މެންބަރުންގެ ނޭޗަރ ޕާރކަށް އިއްޔެ ކުރެއްވި މި ޒިޔާރަތް ނިންމަވާލެއްވީ ހިތަދޫ “ވެށި ސާފު” ޖަމިއްޔާއިން އިސްނަގައިގެން ތައްޔާރުކުރި ޚާއްސަ ސައިފޮދަކުންނެވެ. އެގޮތުން ވެށި ސާފު ޖަމިއްޔާއިން ވަނީ ގދ. އަތޮޅު ކައުންސިލްގެ މެންބަރުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޚާއްޞަ ކޭކެއްވެސް ތައްޔާރުކުރައްވައިފައެވެ. އަދި އެ ޖަމިއްޔާގެ ލޯގޯ ޖަހާފައިވާ ފޮތި ކޮތަޅުތަކެއްވެސް އަތޮޅު ކައުންސިލްގެ މެންބަރުންނަށް ވަނީ ހަދިޔާކުރައްވައިފައެވެ. މި ކޮތަޅުތައް އަތޮޅު ކައުންސިލްގެ މެންބަރުންނާ ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤެވެ.

މީގެ އިތުރުން ވެށި ސާފު ޖަމިއްޔާއިން ވަނީ ގދ. އަތޮޅު ކައުންސިލްގެ މެންބަރުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން، ގދ. އަތޮޅާއި، އެ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާ ފާގަތި، ނަލަފެހި ދުވަސްތަކަކަށް އެދެމުން ހުވަދޫ ބަހުރުވައިން ޅެންބައިތެއްވެސް ވިދާޅުވެ ދެއްވައިފައެވެ.

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރު ނިންމަވާލެއްވުމަށްފަހު އައްޑޫ ސިޓީން ފުރުމަށް ހަމަޖެހިފައި ވަނީ 10 ނޮވެންބަރު 2020 ވަނަ ދުވަހުއެވެ.