English Edition
Dhivehi Edition

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ “މާރިޔާ-3” ކޮޅުވެއްޓި މިރޭ ފެނިއްޖެއެވެ.

މި ކޮޅުވެއްޓި ފެނިފައިވަނީ ލާމު އަތޮޅު އިސްދޫމުލީގެ އިރު އުތުރުން 130 ނޯޓިކަލް މޭލު ބޭރުންނެވެ. މި ކޮޅުވެއްޓި ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައެވެ. ކޮޅުވެއްޓި ފެނުމާއެކު އެސަރަޙައްދުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީ ޝިޕް ކިރްޗް އަށް ވަނީ އެކަން އަންގާފައެވެ. އަދި އިންޑިއަން ނޭވީ ޝިޕް ކިރްޗް، ކޮޅުވެއްޓި އޮތް ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު މި މަނަވަރުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

“މާރިޔާ-3” ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންވެސް ސަލާމަތްތެރިކަމާއެކު ތިއްބެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުކުރަން އުނދަގޫ ވުމުންނެވެ.

“މާރިޔާ-3” ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން މިމަހު 18 ވަނަ ދުވަހު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން، ވައިގެ މަގުންނާއި ކަނޑުގެ މަގުން މި ކޮޅުވެއްޓި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތައް ވަނީ ހުއްޓުމެއް ނެތި މަސައްކަތްކޮށްފައެވެ. އަދި މި އޮޕަރޭޝަނަށް އިންޑިއަން ނޭވީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.