English Edition
Dhivehi Edition
މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން އާސެނަލް މޮޅުވިއިރު، ތާވަލްގެ އެއްވަނަ އަށް އަލުން އަރަން ލިބުނު ފުރުޞަތު އެވަޓަން ނަގާލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި 1-0 އިން އާސެނަލް މޮޅުވިއިރު، އެވަޓަން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފައެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ހަތް މެޗުން 12 ޕޮއިންޓް ހަމަކޮށް ލީގުގެ ނުވަވަނަ އަށް ޖެހިލާފައެވެ. ޔުނައިޓެޑް އޮތީ އެއް މެޗު މަދުން ކުޅެގެން ހަތް ޕޮއިންޓާއެކު 15 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ތިންވަނައިގައި އޮތް އެވަޓަން އާއި ހަތަރުވަނައިގައި އޮތް ސައުތެމްޓަންގެ އިތުރުން ފަސްވަނައިގައި އޮތް ވުލްވްސް އަށް 13 ޕޮއިންޓް ލިބިފައިވާއިރު، މި ތިން ޓީމުގެ ފަރަގަކީ ފައިދާގޯލެވެ.

ރޭގެ މެޗާއެކު އާސެނަލް ވަނީ ލީގުގައި މިދިޔަ 14 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވެފައެވެ. އަދި މިއީ ލީގުގެ ގަދަ ހައެއްގެ ޓީމެއް އަތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.

ބްރައިޓަންއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުގެ ތެރެއިން ޕެނަލްޓީ ސްޕޮޓްމަތީން ހެރީ ކޭން ބޯޅަ ފޮނުވާލަނީ. މި މެޗުން ޓޮޓެންހަމް މޮޅުވީ 2-1 އިން. –ފޮޓޯ: ޓުވިޓާ

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ އާސެނަލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލީ ޔުނައިޓެޑުންނެވެ. އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއިރު މި ހާފުގައި އާސެނަލްގެ ވިލިއަން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ބުކާޔޯ ސާކާ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

އާސެނަލުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ހެކްޓާ ބެލަރީން އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑޮނީ ވެން ޑަ ބީކް ނަގައިދިން ހުރަހަކުން ފޮނުވާލި ބޯޅަ އާސެނަލްގެ މުޙައްމަދު އެލްނެނީ ގައިގަ ޖެހިފައި ގޯލްގެ ދަނޑިއަށް އަމާޒުވީ ކީޕަރު ލެނޯ ބޮލުގައި ޖެހިފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް އަތުން 2-1 އިން ބަލިވެ އެވަޓަން ވަނީ ތާވަލްގެ އެއްވަނަ އަށް އަލުން އަރަން ލިބުނު ފުރުޞަތު ނަގާލިއިރު، ސައުތެމްޓަން ވަނީ ރަށުން ބޭރުގައި 4-3 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ރޭގެ މެޗުގައި ނިއުކާސަލް އިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ކެލުމް ވިލްސަން އެވެ. އެވަޓަންގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލެވިން އެވެ.

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-1 އިން ޓޮޓެންހަމް މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހެރީ ކޭން އާއި ގަރެތު ބޭލް އެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑުޖަހައިދިނީ ތާރިކް ލަމްޕްޓޭ އެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ބޭލް ކާމިޔާބުކުރި ގޯލަކީ ދެ ވަނަ ފަހަރަށް އެ ޓީމަށް ބަދަލުވުމަށް ފަހު އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.