އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގެ އިންޓާންސް ދަރިވަރުން އިސްނަގައިގެން ގދ.ތިނަދޫގެ އުތުރު ފަރާތު ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ފަތިހު 5:45 ހެނދުނު 8:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކޮލެޖުގެ 15 ދަރިވަރަކުވަނީ ބައިވެރިވެފައެވެ.
މި ހަރަކާތަކީ ތިނަދޫގެ އުތުރުން އޮންނަ މޫދު ސަރަޙައްދަކީ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ގޮސްއުޅޭ ތަނަކަށްވާތީ އެސަރަހައްދަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެ ހަރަކާތުގައި ބައިވެރިވި ދަރިވަރުން ވަނީ ބުނެފައެވެ.
މިއަދު ކުރިއަށް ދިޔަ މި ހަރަކާތުގައި އެސަރައްހަދުގެ ބޮޑު ބައެއް ސާފުކޮށް، 25 ގޯނީގެ ކުނި ވަނީ ރަށުގެ ކުނިނައްތާލަން ޙާއްސަ ކުރެވިފައިވާ ސަރައްދަށް ގެންގޮސްފައެވެ. ކުނީގެ ތޭރޭގައި އާންމުކޮށް ހުރީ ޕްލާސްޓިކް ފުޅިއާއި ކޮތަޅު އަދި ބޭނުންކޮށްފައިވާ ކުޑަކުދިންގެ ނެޕީ ފަދަތަކެއްޗެވެ.
މިސަރައްދުގެ މޫދަކީ ދޭތެރެ ދޭތެރެއިން ރަށުގެ އެކި މުޢައްސަސާތަކުން ސާފު ކުރަމުން ގެންދާ ސަރަހައްދެކެވެ. އެގޮތުން ސަދަން ކޮމިއުނިޓީ އެމްޕަވަމަންޓް އެސޯސިއޭޝަން، ސްކީމްގެ ގދ. ގޮފީގެ ފަރާތުން ވަނީ މިއަހަރުގެ ޖުލައި 10 ވަނަދުވަހުވެސް މި ސަރަހައްދު ސާފުކޮށްފައެވެ.
ގޮނޑު ދޮށަށް ކުނި އެޅުމާއި ބެހޭގޮތުން ވާހަކަ ދެއްކި ރަށުގެ ބައެއް ރައްޔިތުން ފާހަގަކޮށްފައިވާ ގޮތުގައި ގޮނޑުދޮށަށް ކުނި އެޅުމަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަކަށްވާއިރު ގޮނޑުދޮށުގައި ކުނިއަޅާނެ ޑަސްބިން ބެހެއްޓިއްޖެނަމަ އެ ސަރަހައްދަށް އުކާލެވޭ ކުނީގެ އަދަދު މަދު ކުރެވޭނެއެވެ.
އެވިޑް ކޮލެޖުގެ 15 ވަނަ އަހަރީ ދުވަހާއި ގުޅިގެން ތިނަދޫ ގައި ހުޅުވި އެ ކޮލެޖުގެ ކެމްޕަހުގައި މިހާރުވެސް އަންނަނީ 200 އަށް ވުރެން ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންނެވެ. ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.