މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެވޭ އެންމެ ވަރުގަދަ މެޗުގައި މިރޭ ލިއޮނަލް މެސީގެ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ނިކުންނަ މެޗުގައި އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރޮނާލްޑޯ އަށް މިރޭގެ މެޗު ގެއްލުނީ ކޮވިޑް-19 އިން އެއްކޮށް ރަނގަޅުނުވާތީ އެވެ. އަދި މިރޭގެ މެޗުގެ 24 ގަޑިއިރު ކުރިން ރޭ ނެގި ޓެސްޓުން ދައްކަނީ އަދިވެސް ރޮނާލްޑޯ ގައިގައި ވައިރަސް ހުރި ކަމަށެވެ. ޔުއެފާގެ ގަވާއިދުގައި ބުނާގޮތުން އެ ފެޑެރޭޝަނުން ރާވާ މުބާރާތެއްގެ މެޗެއްގައި ކުޅެވޭނީ އެ މެޗު ކުޅުމުގެ 24 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓެއް ހަދައި ނެގެޓިވްވެގެންނެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ ދެ ހަފްތާއެއްހާ ކުރީން ޕޯޗުގަލްގެ ގައުމީ ޓީމާ އެކުގައި ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް ހުއްޓަ އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އިޓަލީގެ ޓިއުރިން އަށް ގޮސް އަމިއްލަ އަށް އައިސޮލޭޓްވެފައެވެ. ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވް ނަމަވެސް އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއްނުވެއެވެ.
ވައިރަސް ޖެހިފައިވާތީ ރޮނާލްޑޯ ޓީމާ ދުރުގައި ހުރިއިރު އޭނާ ނުލައި ޔުވެންޓަސް އިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ ޗެމްޕިއަންސް ލީގުގައި މި މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި 2-0 އިން ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަތުންނެވެ. ލީގުގައި އެ ޓީމު ކްރޮޓޯނޭ އާއި ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޮނާލްޑޯ އަށް މިރޭގެ މެޗުގައި ނުކުޅެވޭތީވެ، ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މިއީ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް ގޮތަށް ގިނަ ބަޔަކު ބަލާލަން އިންތިޒާރުކުރި މެޗެއް ކަމަށާއި އެކަމަކު ބައެއް ކަންތައްތަކަކީ އަމިއްލަ ބާރުގެ ދަށުގައި އޮންނަ ކަންކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، ރޮނާލްޑޯ ޕޮޒިޓިވްވެފައިމިވަނީ އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ އައު އާއްމު ހާލަތުގެ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެކަމަށް އަންގާފައިވަނިކޮށް، ޕޯޗުގަލްގެ ގައުމީ ޓީމާ ގުޅުނުފަހުން ކަމަށްވީހިނދު މިކަމާ ގުޅިގެން އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އަދި ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް އަމިއްލަ ޖެޓުގައި އިޓަލީ އަށް އެނބުރި އައީ އުސޫލުގެ ތެރެއިން ކަމާ މެދު ވެސް ސްޕަޑަފޯރާ ވަނީ ސުވާލު އުފައްދާފައެވެ. ރޮނާލްޑޯ އެކަމާ ބެހޭގޮތުން ބުނީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ކަމަށެވެ.
އިޓަލީގެ ސަރުކާރުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ރޮނާލްޑޯ އާއި އުސޫލާ ހިލާފުވި ޔުވެންޓަސްގެ އެހެން ކުޅުންތެރިންގެ މައްސަލަ އެ ގައުމުގެ ހެލްތު އޮތޯރިޓީން ޕްރޮސެކިއުޓަރުންނާ މަޝްވަރާކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ވަކިގޮތެއް ވަރަށް އަވަހަށް ނިންމިގެންދާނެ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.