ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް “ފަސްކުރި” ނަމަކަށް ކިޔާ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލައިގައި ހައްޔަރު ކުރި 3 މީހުން ދޫކޮށްލައި އިތުރު 5 މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އައްޑޫގެ ފަޅުވެރިންތަކެއް ތިބި މި މަސްދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން ރޭ ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފައިވަނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލައިގައި މިއަދު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ 2 މީހުންނާއި 33 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ. މި މައްސަލައިގައި ހައްޔަރު ކުރި މި 5 މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ދޯނި ހައިޖެކް ކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ދޯނީގެ ވެރި ފަރާތުން ވަނީ ދޮގުކޮށްފައެވެ. ލ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ “ވަޑިނޮޅު” ކައިރީ އެންދަމަން ދިއްލައިގެން އޮއްވާ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ތިރީހަކަށް މީހުންގެ ގުރޫޕަކުން އެ ދޯންޏަށް އަރައި ދޯނީގެ ކެޔޮޅަށް ބިރުދައްކައި ދޯނި ހައިޖެކްކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ދޯނީގެ ފަޅުވެރިންވަނީ ބުނެފައެވެ.
މިވާހަކަތަކާއި ގުޅިގެން މި ހާދިސާގެ ތަފްސީލް ދެމުން ދޯނީގެ ވެރި ފަރާތުން ބުނީ އެ ދޯންޏަކީ މީގެ ދެއަހަރު ކުރިން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ހަތް މިލިއަން ރުފިޔާ އަށް ވިއްކާލި ދޯންޏެއް ކަމަށެވެ. އަދި ދޯނި ގަތް ފައިސާ މަހުން މަހަށް ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވުމުގައި އޮތް އިރު، ދެމަސް ދުވަހުގެ ފައިސާ ނުދައްކައިފިނަމަ ދޯނި ގެންދެވިދާނެ ކަމަށް އެގްރިމެންޓްގައި ބަޔާންކޮށްފައިވާނެކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.
މީގެ އިތުރުން ދޯނީގެ ވެރިފަރާތުން ބުނީ ދޯނި ގަތް ފަރާތުން މިހާތަނަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށާއި ބާކީ ފައިސާ ދޯނި ގަތް ފަރާތުން ދައްކާފައިނުވާކަމަށެވެ. އެހެންކަމުން ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީކަމަށާއި ދޯންޏަށް އަރާ އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާނުވާއިރު ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތްކަމަށްވެސް ދޯނީގެ ވެރި ފަރާތުންވަނީ ބުނެފައެވެ، މީގެ އިތުރުން ދޯނީގެ ވެރިފަރާތުން ބުނީ ދޯންޏަށް އެރުމުގެ ކުރިން އެމައުލޫމާތު ފުލުހުންނާއި ކައްދޫގައި ތިބޭ ސިފައިންނަށް ވެސް ދީފައިވާނެ ކަމަށާއި ދޯނި ގަމުގެ ބަނދަރަށް ވަން ވަގުތު ފުލުހުން އެތަނަށް ދިޔައީ މަސްލަހަތައްކަމަށެވެ.