English Edition
Dhivehi Edition
ތިނަދޫގެ ބަނދަރުމަތީގައި ޒުވާނުންތަކެއް ހުއްޓިލައިގެން: ފޮޓޯ ޔާމީން ވަހީދު/ އޭއޯ ނިއުސް

ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ތަރައްގީ ވެފައިވާ އަދި ދިރިއުޅެން އެންމެ ހިތްފަސޭހަ ތަން ކަމުގައި ގިނަ ދިވެހިންނާއި އަދި ބޭރުގައުމުތަކުން އައިސް ރާއްޖޭގައި ދިރިއުޅޭ މީހުން ގަބޫލު ކުރެއެވެ. މާލެ ފަދަ ހަލަބޮލި، ކޮންކްރެޓް ޖަންގައްޔަކުން ސަލާމަތް ވެ ހަމަނޭވާ ލެވޭ ތަނަކީ އެއީ ކަމަށް ޚުދު މާލޭގައި ދިރިއުޅޭމީހުންވެސް ބުނާތީ އިވެއެވެ. ސަބަބަކީ އެރަށުގެ މަގުތައް ފުޅާވެފައި އުޅެން ފަސޭހަވީމައެވެ. ހިޔާދޭފިނި ގަސްތަކާއި ފެހިކުލައިން ސިފަވާ ތަންތަން ގިނަވީމެއެވެ. ޒަމާނީ ސްޓައިލަށް ނެގެމުން އަންނަ ރީތި އިމާރާތްތައް ވަކި ތަރުތީބަކުން އަތުރާލާފައި ހުރީމައެވެ. ތަނަށް ދިރުން ގެނެސްދޭ އެކި ގިންތީގެ ވިޔަފާރިވެރިންނާއި ގެސްޓް ހައުސް ތަކާއި ރެސްޓޯރެންޓްތައް ހިތްގައިމު ވެފައި ފުރިހަމަ ކަމުންނެވެ.

ގިނަ ބަޔަކު ބުނާތީ އަޑުއިވެއެވެ. ސަރުކާރުން ތަރައްގީ ކުރަނީ ހަމަ އެކަނި މާލެއެވެ. ތަރައްގީގެ ކުލަވަރު ފެންނަނީ ހަމައެކަނި ވެރިކަން ކުރާ ރަށުންނެވެ. ނަމަވެސް ހަގީގަތަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކަަށް ވެސް މި ތަރައްގީގެ ކުލަވަރު އައިސްފައި އޮތްކަމެވެ. މައި ސަރުކާރަށް ބަރޯސާ ނުވެ އަމިއްލަ ރަށް ދެކެ ލޯބިވާ ބަޔަކު ނިކުމެ އަމިއްލަ ފަސްގަނޑު ތަރައްގީކުރާކަމެވެ. ދިރިއުޅޭ ރަށް ސާފުކޮށް ބަަލަހައްޓައި އެތަން ހިމާޔަތް ކޮށް ރަށް ކުރިއެރުވުމަށް މަސައްކަތް ކުރާކަމެވެ. މީގެ ސާފު މިސާލަކީ ގދ. ތިނަދޫ އެވެ.

މީހުން ބުނާތީ އިވެއެވެ. ގެއެއްގެ ދޮރުމަތިން ކުރުކާލި ކެނޑިޔަސް އަދި އެ ގެއެއްގެ އަހުލުވެރިންގެ އަސްލު ސިފައެއް ނުފެންނާނެއެވެ. އެކަން އެނގޭނީ އެ ގެއަކަށް ވަދެ އެގޭގެ މީހުންނާއެކު އުޅެލީމައެވެ. އެއް ސުފުރާއަކުން ކައިބޮއި ހެދީމައެވެ. އެއްމާހައުލެއްގައި ތިބެ އަނގަމަޖާކޮށް ވާހަކަ ހިއްސާކުރީމައެވެ. އެއީ ވަރަށް ބޮޑު ތެދެއްކަން ޔަގީން ކުރެވުނީ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ތެރެއިން މި މަހުގެ ކުރީކޮޅު ތިނަދޫއަށް ގޮސް ދެ ހަފްތާ ވަންދެން އެރަށުގައި ހޭދަ ކުރި ކުރުމުންނެވެ. މީގެ ކުރިން އަޑުއިވިފައިވާ ގޮތުގައި ތިނަދޫގެ މީހުން ސިފަވެފައިވަނީ ހަގީގަތުގައި ވެސް “ހަވަރު ތިނަދޫ” ގެ ގޮތުގައެވެ. އެއީ މެޙްމާން ދާރީ އަދާކުރުމާއި ހިތްހެޔޮކަމާއި މީހުންނާއި ގުޅުން ބަދަހި ކުރުމުގައި މަޝްހޫރު ބައެއް ނޫނެވެ. ތާރީޚު ލިޔާ ލިޔުންތެރިއެއްގެ ފޮތަކުން ވެސް އެފަދަ ވާހަކަ އެއް ނުދެކެމެވެ. އެހެނަމަވެސް އަޅުގަނޑުގެ މި ދަތުރުގައި އަޅުގަނޑަށް އެރަށުގެ މީހުން ސިފަކުރެވުނީ އިސްވެ ބަޔާންކުރި ހުރިހާ ސިފަތަކާއެކުގައެވެ. އަޅުގަނޑަށް އެރަށުން ފެނުނީ ތަފާތު މަންޒަރެކެވެ. ހިތްހެޔޮ، އޯގާވެތި އެކުލުންތެރި އަދި ރަށުގެ ކުރިއެރުމަށްޓަކައި މަރުދޭން ތައްޔާރަށް ތިބި ހީވާގި ރައްޔިތުން ތަކެކެވެ. 2 ހަފްތާވަންދެން ފޫހިކަމެއް ނެތި މެޙްމާންދާރީ އަދާކުރި ލޯބިވެތި އެކުވެރިންތަކެކެވެ. ހަގީގަތުގައި ވެސް އެރަށުން ފުރައިގެން އައީ އަމިއްލަ އާއިލާގެ މެމްބަރުންނާ ވަކިވެގެން ދާކަމުގެ ހިތްދަތި އިހްސާސްތަކާއެކުގައެވެ.

އެރަށުގައި ހޭދަކުރި ދުވަސްތަކުގައި ލިޔުންތެރިއެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަން ހޯދައި ދިރާސާކޮށް ބެލީމެވެ. ގާތް ގަނޑަކަށް ދިހަހާސްމީހުންގެ އާބާދީ އެއް އޮތް އެރަށުގެ ގިނަ މަގުތަކެއްގައި ސަރުކާރުން ވަނީ ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހުރި އިރު އެރަށުގައި ހިއްކާފައިވާ ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ރަށަށް އަންނަ މެޙްމާނުންނަށް މަރުހަބާ ކިޔުމަށް ޒަމާނީ ފެންވަރުގެ ފާލަމެއް ހަދާފައިވާއިރު ރަށުގެ ބަނދަރު ބޮޑުވެފައި އިންތިޒާމު ފުރިހަމަކަން ފާހަގަވިއެވެ. ބަނދަރުގެ ކޮންމެ ސަރަހައްދެއްގައި ކައުންސިލުން ވަނީ އެސަރަހައްދެއް ބޭނުންކުރަން ޖެހޭގޮތް ލިޔެ ބޯޑު ހަރުކޮށްފައެވެ. ކިޔަމަންތެރިކަމާއެކު މީހުން އެއަށް އަމަލުކުރާތަން ފެނެއެވެ.

ގައުމީ ޔުނިވަރސިޓީތަކާއި ރާއްޖޭގެ ބޮޑެތި ޔުނިވަރސިޓީ ތަކުގެ ގޮފިތައް އެރަށުގައި ގާއިމުކޮށް ރަށުގެ ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލް ވާނެ ފުރުސަތު ވަނީ ފަހިވެފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހަދާދީފައިވާ ފުލެޓްތަކުގައި ހިތްހަމަ ޖެހިގެން ޝަކުވާއެއް ނެތި މީހުން ދަނީ ދިރިއުޅެމުންނެވެ. ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓް ތަކާއި ގެސްޓް ހައުސްތައް ގިނައެވެ.

ތިނަދޫގައި ހުރި އިރު ގއ. ވިލިނގިލީގެ ރަޙްމަތްތެރިއަކާ ތިނަދޫ އިން ދިމާވިއެވެ. ތިނަދޫ އަށް އައި ސަބަބާ ބެހޭ ގޮތުން ސުވާލުކޮށްލުމުން ބުނީ އަައީ ބޭސްފަރުވާއަށް ކަމެވެ. ތިނަދޫގެ ބޭސްފަރުވާގެ ޚިދުމަތާ ބެހޭ ގޮތުން އޭނަ ކިޔައިދިނީ މި ސަރަހައްދުގައި މިވަގުތު ހުރި އެންމެ ރަނގަޅު ހޮސްޕިޓަލް ހުރީ ތިނަދޫގައި ކަމުން އެރަށަށް ގިނަ ބަޔަކު އަންނަން ބޭނުންވާ ކަމެވެ. އަދި އެތަނުގެ ފަރުވާ އާއި މެދު ހިތްހަމަޖެހޭ ކަމެވެ. ކުރީގައި ކިރިޔާ ކަމެއްވާއިރަށް މާލެ ދާ ދިއުން ހުއްޓާލާފައި ރަށް ރަށުގައި ހުންނަ މިފަދަ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކުން ފަރުވާ ހޯދުމުގެ މުހިއްމުކަން އޭނަ ކިޔައިދިނެވެ.

 

މީގެ އިތުރުން އެރަށުން ފެނިގެން ދިޔަ އަނެއް މަންޒަރަކީ އެ އަތޮޅުގެ ހުރިހާ އެންމެންހެން ވިޔަފާރި ކުރާ މައި ހަބަކަށް ތިނަދޫ ވެފައި އޮތް އޮތުމެވެ. ބަނދަރުމަތީގެ ހޭލަމޭލަކަމެވެ. ބަނދަރުމަތީގައި ފިހާރަތައް ގިނަވެފައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިތައް އެރަށުން ފެންނަން ހުއްޓެވެ. ވަކިން ޚާއްބަކޮށް ޒުވާން ވިޔަފާރިވެރިން ގިނައެވެ. ގދ. ދޫކޮށް ގއ. އަތޮޅުގެ މީހުންވެސް އެރަށަށް ވިޔަފާރީގެ މުއާމަލާތްތަކުގައި އަންނަތަން ފެނުނެވެ. ހިތަށް އެރިއެވެ. މިހާ ބޮޑު ބަނދަރެއް އޮތް އިރު މިތަނުގައި ދަތުރުވެރިންނަށް ފަސޭހަ ކަމާއެކު ތިބެވޭނެ ޒަމާނީ ފެންވަރުގެ ތަނެއް ހަދާފައި ހުރިނަމަ ވަރަށް ރަނގަޅުވީހެވެ.

ޒުވާނުންނަކީ ގައުމުގެ ރައުސުލް މާލުކަމަށް ބުނާއިރު ގިނަ ބަޔެއްގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ ކުރާނެ ކަމެއް ނެތި ދެއަތް އުރާލައިގެން މަގުމަތީގައި މީހުންނާ ފޮށެން ނިކުމެ ތިބޭ “ގައްޑާ” ޒުވާނުންގެ ގިނަ ކަމުންނެވެ. ނަމަވެސް ތިނަދޫގެ މަގުތަކުން އެފަދަ މަންޒަރެއް ނުފެނެއެވެ. ފާހަގަކުރެވުނީ އެރަށުގެ ޒުވާނުންގެ ހުނަރުވެރިކަމެވެ. އުފެއްދުންތެރިކަމެވެ. އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި ޝާމިލްވެގެން ތިބޭ ތަނެވެ. މިޔުޒިކާއި ކުޅިވަރާއި ފޮޓޯގްރަފީ އާއި ވީޑިއޯ އަކީ އެރަށުގެ ޒުވާނުން އެންމެ ގިނައިން ކުރާ މަސައްކަތެވެ. ފުޓްސަލް ދަނޑުތަކުގައި މުބާރާތްތަކަށް ޕްރެކްޓިސްކޮށް ކުޅެމުން އަންނަ އިރު ހަވީރު ފިނީގައި ކެމެރާ ކޮނޑުގައި އަޅުވާލައިގެން އެކިއެކި މަސައްކަތް ތަކުގައި އުޅޭ ޅަ ޒުވާން ކުދިން ގިނައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެންވަރު ރަނގަޅު ވީޑިއޯ ލަވައެއް ހަދާލުމަކީ އެމީހުންނަށް ހަމަ ފެންތައްޓެއް ބޯލުން ކަހަލަ ކަމެކެވެ. މިއީ ޚުދް އަޅުގަނޑު އަމިއްލަ އަށް ތަޖުރިބާ ކުރި ކަންތައްތަކެވެ!

އަޅުގަނޑުގެ މި ދަތުރުގައި ތިނަދޫގައި ނޫސްވެރިން ތަމްރީނުކޮށް އޭއޯ ނިއުސް ގެ ބިއުރޯއެއް ގާއިމުކޮށް އެރަށުގެ ޒުވާނުންނަށް ތަމްރީނު ދީގެން އެ ޒުވާނުންލައްވައި އެމީހުންގެ އަމިއްލަ ރަށު ބަހުން ޚަބަރު ކިޔުއްވީމެވެ. އެ ޚަބަރު އަޕްލޯޑް ކުރުމުން ރަށުގެ ރައްޓެއްސަކު ކުރި މެސެޖެއްގައި ބުނެފައިވެއެވެ.

“ތޭންކް ޔޫ ސޯމަޗް. އަހަރެމެންގެ ރަށުބަހަކީ ވެސް ރީތި އަދި އަޑުއަހާލަން ފަސޭހަ ބަހެއްކަން މިއަދު އެނގިއްޖެ. މި ޚަބަރު އަޑު އެހިވަގުތު އުފަލުންގޮސް ދެލޯ ކަރުނުން ތެމުނު” އެންމެ ފުރަތަމަ ހުވަދޫ ބަހުން އޮންއެއާކުރި ޚަބަރާ އެކު އޭނަގެ ޝުއޫރު ކިޔައިދިނެވެ.

އެކުވެރިޔާގެ އެ މެސެޖުން ހިތްވަރު އާވިއެވެ. ރަށުގައި ތިބި ހުނަރުވެރި ޒުވާނުންނާއެކު އެފަދަ މަސައްކަތެއް ކާމިޔާބުކަމާއެކު ކުރެވޭނެ ކަމުގެ އުއްމީދު ލިބުނެވެ.

ތަނެއް ތަރައްގީވެ ކުރިއަރައިގެން ދާނީ އެތަނެއްގެ އަހުލުވެރިންގެ މިންނެތް މަސައްކަތުން ކަން ޔަގީނެވެ. ތިނަދޫ އިން ފެންނަމުން ދަނީ އެ މަންޒަރެވެ. މައިސަރުކާރަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ހިތްމަތާއެކު މަސައްކަތް ކުރާ ރައްޔިތުންތަކެކެވެ. ސާފުތާހިރު މަގުތަކާއި ނަގައި އުފުލަމުން އަންނަ އިމާރާތްތަކާއި ފަތިފައްޗަށް ހުޅުވަމުން އަންނަ ފިހާރަ ތަކުން އެތަން ސިފަވީ ރާއްޖޭގެ ދެވަނަ ހުޅުމާލޭގެ ގޮތުގައެވެ!

1 ކޮމެންޓް
މުހައްމަދު
އޮކްޓޯބަރު 27, 2020
ރަށު ތަރައްގީއައް ވެސް އުޅެނީ ވަކި ބަޔަކު.. އަމިއްޔަ ގެ ކުރިމަތީ އޮއްނަ ތާރުގަނޑުގަ ހުއްނަ ވެލިކޮޅު ފޮޅާ ނުލެވޭ؟؟ މީގެ ސަބަބުން ސައިކަލް ދުއްވާ މީހުންގެ ލޮލަށް ހިރަފުސް ބުރުން ނޫން ކަމެއް ނުވޭ