English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ނަލަފެހި ޖަމްމިއްޔާއިން އިސްނަގައިގެން ރަށުގެ ރައްޔިތުންނާއި ގުޅިގެން ހަދާފައިވާ ފިނިމައިޒާންތަކަށް ގެއްލުން ދީ އެތަންތަން ހަލާކުކޮށްލައިފިއެވެ.

ރޭ މީދޫގެ ފަސް ފިނި މައިޒާނެއް ހަލާކުކޮށްލާފައިވާއިރު އެތަންތަނުގައި ހައްދާފައިވާ ގަސްތަަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީފައެވެ. މީގެ އިތުރުން ފިނިމައިޒާން ތަކުގައި ބަހައްޓާފައިވާ އުނދޯލިތަކާއި ޖޯލިފަތިތައް ކޮށާ، މޫދައި ގޮޑުދޮށަށް އުކާލާފައިވާއިރު ބައެއް ފިނި މައިޒާންތަކުގައި ކޮންކްރިޓް އަޅައިގެން ބަހައްޓާފައިވާ ގޮނޑިތައްވެސް ނެގުމަށްފަހުވަނީ ހަލާކުކޮށްލާފައެވެ. އަދި މީގެ އިތުރަށް ދާދިފަހުން މީދޫ އިސްމެހެލާ ރިސޯޓް ކައިރީގައި އޮންނަ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި ބެހެއްޓި ދެ އުނދޯލިވެސް ހަލާކުކޮށްލާފައިވާއިރު އެތަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެ ޖަމްމިއްޔާއިން އަންނަނީ ކުރަމުންނެވެ.

މީދޫ ފިނި މައިޒާންތަކަށް ދިން ގެއްލުން ކުށްވެރިކޮށް ގިނަ ބަޔަކު މި އަމަލު ހިންގި މީހުންނަށް އަދަބު ދިނުމަށް ގޮވާލަމުން އަންނައިރު މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ކާމިލް ވިދާޅުވީ މި މައިޒާންތަކަށް ގެއްލުންދިނީ ކޮންބައެއްކަން އަދި ހޯދިފައި ނުވާކަމަށާއި މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.”މި ފާއިތުވެދިޔަ ދުވަސްތަކުގައި މި ދެ އަވަށުގެ މީހުން މިތަންތަން ބޭނުން ކުރަމުން އައީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިފަދަ ކަމެއް މި ދެއަވަށުގެ މީހުން ކޮށްފާނެ ކަމަކަމަށް. އަނެއްކޮޅުން ނަލަފެހި ޖަމްމިއްޔާއަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައްކުރާ ޖަމްމިއްޔާއެއް. އަޅުގަނޑުމެންނާއި އެއްވެސް ބަޔަކާއި ޒާތީ ހަސަދަވެރިކަމެއް ނެތް. މި މަސައްކަތް އަޅުގަނޑުމެން މި ކުރަނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރަށުގައި ކުނިގޮނޑުތައް ރީތި މައިޒާންތަކަަށް ހެދުމަށް “ކާމިލް ވިދާޅުވިއެވެ.

އިތުރަށް ކާމިލް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މިކަން ކޮށްފައިވަނީ ރޭ 12 ގެ ކުރިންކަން މިހާރު އެގިފައިވާކަމަށެވެ. “12 ގެ ކުރިން މިކަން ކުރި ބަޔަކު މި ކުރީ. މީ އަސްލު ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ކަމެއް. އަޅުގަނޑުމެން މި ރަށުގަ ކަނދޮޅު ގަސް ނެތިގެން ރަށުން ބޭރުން ގެނެސް ހައްދާފައިވަނީ. މައިޒާންތަކުގައި ހައްދާފައިވާ 100 އަށް ވުރެ ގިނަ ކަނދޮޅު ގަސްތައް ވަނީ އެއްކޮށް ކޮށާފަ” ކާމިލް ވިދާޅުވިއެވެ. މީގެ އިތުރުން ކާމިލް ވިދާޅުވީ ފިނިމައިޒާންތަކަށް ދީފައިވާ ގެއްލުމަކީ އަލުން އިއާދަވެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެއްކަމަށެވެ.