English Edition
Dhivehi Edition
ދުވުންތެރިޔާ ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ. މި މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ނަޞްރުﷲ އަޙްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އެ މަނިކުފާނުގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަރޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމަވައި އެ މަނިކުފާނު ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަޞްރުﷲ އަޙްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ނަޞްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ. މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރައްވާ ނަޞްރުﷲ އަޙްމަދުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އައި.ޑީ.ބީ.އައި. ފެޑެރަލް ލައިފް އިންޝުއަރެންސް ނިއު ދިއްލީ މެރެތަން 2020 އެވެ. އޭނާ، މި މެރެތަން އެއްވަނަ މަޤާމުގައި ނިންމަވާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަޞްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިގޮތުން، މެރެތަންއާއި ލޯންގ ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަޞްރުﷲ މުހިންމު ދައުރެއް އަދާކުރައްވައެވެ.