English Edition
Dhivehi Edition
ދޮންދީނި، މިއީ ހިމާޔަތްކޮށްފައިވާ ދޫންޏެއް - ފޮޓޯ: ޓްރެވެލް ސެންޓަރ މޯލްޑިވްސް

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި، އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނި ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން އެފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެ ކަމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމުގައި އީޕީއޭ އިން ބުންޏެވެ.

އެގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީވެ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް އީޕީއޭގެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، އެ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.