ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިސްތިއުފާ ދެއްވާކަން ހާމަ ކުރައްވާ މިރޭ ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީ ފުޅުގައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުންކަމަށް ވާތީ އެކަން އެގޮތަށް ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި މިހާރުގެ ހާލަތާއި ގުޅިގެން ރައީސް އާއި އެކު ކުރެވުނު މަޝްވަރާއިން ހާލަތު ވަޒަން ކުރެވިއްޖެ ކަމަށް ވެސް އެ ސިޓީފުޅުގައި އަމީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުުރުން އެ ސިޓީފުޅުގައި އަމީން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފުންނާއި، ސިއްޙީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފައެެވެ. އެގޮތުން އަމީން، ވިދާޅުވިގޮތުގައި ދިވެހިރާއްޖެއިން ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. އަދި އެކަމުގެ ތެރޭގައި އިސްދައުރެއް އަދާކުރައްވައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުނީތީ ފަޙުރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން އިސްތިއުފާ ދެއްވި އިރު އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، އަމީން މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ވައްދައިފަ އެވެ.
ދިވެހިރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލު ކުރި ކަމަށް އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރެވި, ތަހުގީގު ފެށުމާއެކު އެކަމަށް ޖާގަ ދެއްވުމަށްޓަކައި އަމީން ވަނީ އަމިއްލަފުޅަށް މަގާމުން އެކަހެރިވެ ވަޑައިގެންފައެވެ. އެގޮތުން އަމީން، މަގާމުން އެކަހެރިވެ ހުންނަވާތާ މިހާރު 2 މަސް ވެއްޖެއެވެ.
އަމީން އަށް ތުހުމަތުކުރެވޭ މި މައްސަލައިގައި އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނުވާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
އަމީން، މަގާމުން އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް އަމީން އަންނަނީ ފުރުއްވަމުންނެވެ.