English Edition
Dhivehi Edition
ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ވާޗުއަލްކޮށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ސަފީރުންގެ ތެރޭގައި ޖޯޑަން އާއި ކުވައިތު އާއި ފަލަސްތީން އަދި ޔަމަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނާއި، މިޝަން އޮފް އޮމާންގެ ޑެޕިއުޓީ ހެޑް ހިމެނިވަޑައިގަންނަވައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރުން ވަނީ ރާއްޖެއާއި އެ ޤައުމުތަކުގައި ކޮވިޑް-19ގެ ޙާލަތު މިހާރު އޮތް ގޮތާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވައި، އެ ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅެގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެ ޤައުމުތަކުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު ދަންނަވައިފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި އެ ބައްދަލުވުމަކީ، އެ މިނިސްޓްރީ އާއި ބޭރުގެ ސަފީރުންނާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ފޮރިން މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.