English Edition
Dhivehi Edition

ޓިކްޓޮކް ކުއީން އޭ ބުނުމުން ޓިކްޓޮކް އަށް ފޯރި ހުންނަ ކޮންމެ މީހަކަށްވެސް މިދައްކަނީ ފާތިމަތު ޝަޒީލާގެ ވާހަކަ ކަން އިނގޭނެއެވެ. އޭނާ އެ ލަގަބު ހޯދާ މީހުންގެ ހިތްތައް ފަތަހަ ކޮށްލީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މޫނު މައްޗަށް އެ އަރުވާލާ ވަންނި ތަކާއި ލައްވާލި ބަނޑިތަކުގެ އަވައިގައި ދިވެހިން ޖެހިފައި ތިއްބާ އޭނާ ގޮސް ޓިކްޓޮކްގައި ރާއްޖެއިން އުފެދުނު އެންމެ ހުނަރުވެރި އެއް މޫނަށް ވެގެން ދިޔައެވެ. އެއް ބަޔަކު އެ ވީޑިއޯ ތައް ބަލައި އޭނާ އަށް ތައުރީފު ކުރި އިރު އަނެއް ބަޔަކު އުޅުނީ ހަށިގަނޑުގެ ސިފައަށް ފާޑުކިޔައި ގަނާ ކުރުމުގައި އަވަދިނެތިއެވެ.

ޝަޒީލާ ތަރިއެއް ހެން އަރައިގެން ދިޔައިރު ދައްކުވައި ދިނީ ކެރުމާއި ހިތްވަރެވެ. ކުރާ ކަމެއް ފަރުވާތެރިކަމާއި އެއްކޮށް ކުރާނެ ކަމާއި މީހުންގެ ޒާތީ ފާޑު ކިޔުން ތަކަށް ވިސްނާ އެކުރާ ކަމަކަށް ބަދަލެއް ނުގެންނާނެ ކަމެވެ.

ޝަޒީލާގެ ޓިކްޓޮކްތައް ފެނި ޓިކްޓޮކްގެ ދުނިޔެއަށް ނިކުތް އެތައް ދިވެހިންނެއް އެބަތިއްބެވެ. ޝަޒީލާ އާއި ބައްދަލުކުރަން އެދި މިހާރުވެސް އޭނާ އަށް މެސެޖު ކުރަމުން އަންނަ އެތައް ބައެއް އެބަތިއްބެވެ. ކުރިން އޭނާގެ ޓިކްޓޮކްތައް ފެނިގެންދިޔަހެން މިހާރު ނުފެންނާތީ އޭނާގެ ތަރި އޮއްސުނީތޯ ގިނަ ބަޔަކު ސުވާލުވެސް ކުރެއެވެ. ޝަޒީލާގެ ޓިކްޓޮކް ތަކަށް ވުރެން ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާގެ މޭކްއަޕް ފެނުން އާންމުވުން އޭނާ މޮޅީކީ ހަމައެކަނި ޓިކްޓޮކް ކުޅެން ނޫންކަންވެސް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

“އަސްލު މިހާރު ޓިކްޓޮކް ކުޅެން ވަރަށް ވަގުތު ނުވޭ. މިހާރު އުޅޭ ވަޒީފާގެ ގޮތުން ވަރަށް ބިޒީ. ދެން މެރީ ކުރީމަވެސް ލައިފް ވަރަށް ބަދަލުވެއްޖެ. ވަގުތު ވީ ވަރަކުން މިހާރުވެސް ޓިކްޓޮކް ކުޅެން. އަދި ހަމަ އެއްގޮތަކަށްވެސް ނެތް އެކަން ހުއްޓާލުމުގެ ވިސްނުމެއް. އެއީ ޝަޒީގެ ހަމަ އެންމެ ފެވަރިޓް ހޮބީ” ހުޅުމާލޭގައި ހުންނަ ލުއަރ ސެލޫންގެ މެނޭޖަރ އެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޝަޒީލާ ކިޔައިދިނެވެ.

ޝަޒީލާ ބުނި ގޮތުގައި އޭނާއަށް މިހާރު ދިރިއުޅުމުގައި އާދެވިފައި އިން ހިސާބަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެގޮތުން ކައިވެނިކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ އިރު މިވަގުތު އެންމެ އިސްކަމެއްދީގެން އޭނާ ކުރަމުން އަންނަނީ ސެލޫންގެ މަސައްކަތްތަކެވެ.

“އަބަދުވެސް ވަރަށް ޝައުގުވެރިކަމެއް ހުންނަކަމެއް އެއީ ޒީނަތްތެރިވުން. އަބަދުވެސް އެންމެ ކުޑައިރުވެސް ބޭނުންވާނެ ވަރަށް މޭކްއަޕްކޮށްގެން ރީތިވެެގެން ހުންނަން. ކުޑައިރު ބޭނުންވި ކެބިންކުރޫއަކަށް ވާންވެސް. އެވެސް އަސްލު އެ ވަޒީފާގެ ކުރަންޖެހޭ ކަންތައްތަކަށް ވުރެން ކެބިންކުރޫ އިން ރީތިވެގެން ތިބޭތަން ފެންނާތީ.” ޝަޒީލާ ކިޔައިދިނެވެ.

ޝަޒީލާ ކިޔައިދިން ގޮތުގައި އެންމެ ކުރިން މޭކްއަޕް ކުރުމަށް ޝައުގުވެރިކަން ހުއްޓަސް ސެލޫންގެ މެނޭޖަރުގެ މަގާމަށް އައުމަށް ކުރި ދަތުރު ވަރަށް ބުރަވެފައި ދިގެވެ. ޒީނަތްތެރިވުމަށް ތަފާތު ގިނަ ކަންތައްތަކެއް ކުރާއިރު ޝަޒީލާ އަކީ އެ ހުރިހާ ކަމަކާއި ވެސް ވަރަށް ރައްޓެހި މީހެކެވެ. ސެލޫންގައި މެނޭޖަރެއްގެ ގޮތުގައި އުޅެމުން އޭނާ އެތަނުން ހިދުމަތް ހޯދަން އަންނަ ގިނަ މީހުން ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެއެވެ.

“ސެލޫން އެއްގެ މެނޭޖަރެއްގެ ގޮތުގައި އުޅުމަކީ ވަރަށް ތަފާތުކަމެއް. އަބަދުވެސް ޝަޒީ މެން ސެލޫންގައި މަސައްކަތް ކުރަން ހިދުމަތް ހޯދާ މީހުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތެއް ދޭން. މަސައްކަތް ކުރަނީ ދޭ ހިދުމަތަށް ވުރެން ހިދުމަތް ލިބިގަންނަ މީހާ އެތަނުގައި ހޭދަ ކުރާ ވަގުތަކީ އުފާވެރި އަދި އަލުން އަންނަން ބޭނުންވާނެ ފަދަ ހިދުމަތެއް ދެވޭތޯ. މިހެން ބުންޏަސް އަސްލު ނޭނގޭނެ އެއީ ކިހާ ބުރަ މަސައްކަތެއްކަމެއް.” ޝަޒީލާ ބުންޏެވެ.

ޝަޒީލާ ބުނި ގޮތުގައި އޭނާ ދިރިއުޅުމުގައި މިހާ ހިސާބަށް އައުމުގައި ޝުކުރު ހައްގު ވަރަށް ގިނަ ބައެއްވެއެވެ. އެގޮތުން އޭނާގެ ލޯބިވާ އާއިލާއައި އޭނާގެ ފިރިމީހާގެ ނަން އޭނާ ފާހަގަކުރިއެވެ. އަދި ދާއިރާއިން ކުރިއަށް ދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތަކަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

“ދިރިއުޅުމުގައި ދިމާވެއްޖެ ބައިވަރު ކަންތަކާ. އަމިއްލައަށް އަބަދުވެސް ދިރިއުޅުން ދެކެނީ ފަރުބަދައަކަށް އަރަން ކުރާ މަސައްކަތެއްގެ ގޮތުގައި. ވަރަށް ދަތި ދުވަސްތައްވެސް ކުރިމަތިވޭ. އެންމެ އުފާވަނީ ރަނގަޅު ރައްޓެހިންތަކެއް ތިބީމަ. ހަގީގަތުގައި ދިރިއުޅުމުގައި ކުރެވުނު އެންމެ ކާމިޔާބު އިންވެސްޓްމެންޓަކީ ހެޔޮއެދޭ ރައްޓެހިންތަކެއް ހޯދުން. ކަންކަމުގައި ހިތްވަރުދޭ ހަޔާތުގެ ބައިވެރިއެއް ލިބުން، އެމީހުންގެ ފަރާތުން ދިރިއުޅެން ދަސްވި.” ޝަޒީލާ ބުންޏެވެ.

ޝަޒީލާ އަކީ ކާމިޔާބީ ހޯދުމުގައި ހިތްވަރާއި ޖޯޝާއި އެކު މަސައްކަތް ކުރުމުގައި ނަމޫނާއެކެވެ. ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތުމާއި ކުރާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރުމުން އެއިން ލިބޭނީ ކާމިޔާބީކަން ޝަޒީލާ ސާބިތުކޮށްދީފިއެވެ. އޭއޯ ނިއުސްގެ ފަރާތުން ޝަޒީލާއަށް އަބަދުވެސް އެދެނީ ކާމިޔާބީއަށެވެ.

1 ކޮމެންޓް
Mode
އޮކްޓޯބަރު 22, 2020
Reethivegen hunnan beynun vaa eru hashigadu reethi nuvanee keehvebaa makeup kurumakee teethi vumey noon