English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ލިބި އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ޒުވާނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އިތުރަށް ހާމަކުރިގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މާރާމާރީގައި ޒަހަމްވި ޒުވާނާއާއި ބެހޭގޮތުން އިއްޔެ އޭއީއެޗްގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ބަލި މީހާގެ ހާލު “ވައިޓަލީ ސްޓޭބްލް” ކަމަށާއި ބަލި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އަދި އެ ޒުވާނާގެ ކުދި އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު ބަލިމީހާ ވާހަކަ ދައްކާ އުޅޭކަމަށްވެސް ޝާފީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޝާފީ ވިދާޅުވިގޮތުގައި ބަލިމީހާގެ ކޮނޑަށާއި ބުރަކަށްޓަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަދި ވާތުގެ ބޮޑުވާ އިނގިލި އަދި ޝަހާދަތް އިނގިލި އެއްކޮށް ވަކިވެފައިވާއިރު އެ އަތުގެ އެހެން އިނގިލި ތަކާއި އަތްތިލަ އަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ މީހާގެ ބޮލަށްވެސް އަނިޔާ ލިބިފައިވާކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ.