English Edition
Dhivehi Edition
ނޭޝަނަލް ޑްރަގް އޭޖެންސީ - ފޮޓޯ: ގޫގުލް މެޕްސް (ހުސަން އާޒިމް)

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެންޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ހިންގުމުގެ ދާއިރާ ނުވަތަ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވާންވާނެ ކަމަށެވެ.

މީގެ އިތުރުން އެ ފަރާތަކީ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

އެންޑީއޭގެ ސީއީއޯ އަށް މުސާރައާއި އިނާޔަތްތަކާއެކު 31،500ރ. ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 18،000ރ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 12،500ރ. ގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. އެވެ.

އެންޑީއޭ އިން އާންމުކުރި އިޢުލާނުގައިވާ ގޮތުން އެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓް އުސޫލުން ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.