English Edition
Dhivehi Edition
ގުޅީފަޅުން ގިރެމުންދާ ދޮންވެލި، ވިލިމާލެއާއި ދިމާލަށް މިސްރާބު ޖަހަނީ - ފޮޓޯ: އީޕީއޭ

ތިލަފުށި އަދި ގުޅީފަޅުން ކުއްޔަށް ދީފައިވާ ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތަކުގެ ފައިސާ މާދަމާއިން ފެށިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.

އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ތިލަފުށި އަދި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އެ ކޯޕަރޭޝަނުން ނަޤުލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޖީއެމްއައިޒެޑްއެލް އާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން، ތިލަފުށި އަދި ގުޅީފަޅުން ސިނާއި ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން، އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ މަހު ކުއްޔާއި އެހެނިހެން ފީ، އޮކްޓޫބަރު 19 ވާ ހޯމ ދުވަހުން ފެށިގެން އެ ކޯޕަރޭޝަނަށް ދައްކަމުން ގެންދިއުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެގޮތުން ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރާނީ އެ ކޯޕަރޭޗަންގެ ނަމުގައި ކަމަށާއި، ނަގުދު ފައިސާ އިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ މައި އޮފީހުގައި ޤާއިމްކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ ‘މައި ހުޅުމާލެ’ ވެބް ޕޯޓަލްގައިވާ ‘ކުއިކް ޕޭ’ މެދުވެރިކޮށްވެސް ކުލި ދެއްކޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.